ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އުވާލެއްވި ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދަކީ ގާނޫނީ ގިނަ މައްސަލަތަކެއް ހުރި ގަވައިދެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ. 

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ގަވައިދު ފުރަތަމަ އެކުލަވާލީ ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމެއް ނެތިއެވެ. އެހެންވެ އެ މައްސަލަ ހުށަހެޅިއެވެ. 

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއިން ވެސް ފާހަގަކޮށް މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގަވައިދު އެކުލަވާލާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހެޅި ކަމަށެވެ. 

އުވާލި ގަވައިދު އިސްލާހުކޮށް އަލުން އެކުލަވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ޝިޕިންގެ ގަވައިދަކީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ހެދި ގަވައިދެކެވެ. އެ ގާނޫނުގެ 20 ވަނަ ނަންބަރުގައިވާ ގޮތުން ޝިޕިން އެޖެންސީގެ ހިދުމަތާ ގުޅޭ ގޮތުން ގަވައިދު ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. އަދި ޖޫރިމަނާ އާއި ފީ ނެގުމުގެ ބާރު ވެސް މިނިސްޓަރަށް ލިބިގެންވެއެވެ. 

އެގޮތުގެ މަތިން ހެދި ގަވައިދުގައި ފީ އާއި ޖޫރިމަނާ ނެގޭނެ ގޮތް ކަނޑައަޅާފައިވެއެވެ. ނަމަވެސް ގަވައިދުގައި ގާނޫނީ ގޮތުން އުފުދުނު މައްސަލައަކީ ނެތް ބާރެއް ބޭނުން ކުރުމެވެ. އެގޮތުން ޝިޕިން ޑޮކިއުމެންޜަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަމަށް ކުރިން ކަނޑައަޅާފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއް ގޮތުގައި ގިނަވެގެން 500 ރުފިޔާ ނެގިދާނެ ކަމަށް ގަވައިދުގައިވެއެވެ. 

ނަމަވެސް މި ފީ ނެގުމަކީ މިނިސްޓަރަށް ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރެއް ނޫނެވެ. ގާނޫނުގައި ނުބުނާ ފީއެއް ގަވައިދުގައި ކަނޑައެޅުމަކީ އޮތް ހުދޫދެއް ނޫނެވެ. އެހެންވެ ގާނޫނުގައި ނެތް ފީއެއް ނެގުމަކީ މިނިސްޓަރަށް އޮތް އިހުތިޔާރަކަށް ނުވާތީ އެއީ ބާތިލް މާއްދާއެއް ކަމަށް ގާނޫނީ ލަފާ މިނިސްޓްރީއަށް ވަނީ ދީފައެވެ

ގާނޫނުން ބާރު ލިބިގެން ޝިޕިން އެޖެންޓުންގެ ހިދުމަތާ ބެހޭ ގަވައިދެއް ހެދިއިރު އޭގެ ތެރެއަށް ފުރައިޓުފޯވަޑިންގެ ހިދުމަތްދޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ބަޔާންކޮށްފައިވަނީ ވެސް ގާނޫނާ ހިލާފަށެވެ. ފުރައިޓުފޯވަޑިންގެ ހިދުމަތްތަކަކީ ގަވައިދުގެ ދަށުން އެއްވެސް ލައިސަނެއް ނަގަން ވެސް ނުޖެހޭ ފަރާތްތަކެއް ކަމަށްވީހިނދު ފުރައިޓުފޯވަޑިންގެ ހިދުމަތްދޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ގަވައިދުގައި ބަޔާން ކުރުމަކީ ގާނޫނީ ގޮތުން ބާތިލް ކަމެކެވެ. 

ގާނޫނީ މައްސަލަތައް ޖެހިފައިވާ މި ގަވައިދު އުވާލެއްވި މައްސަލާގައި މިނިސްޓަރު ނަހުލާގެ މައްސަލަ ޝިޕިން އެޖެންސީތަކުގެ ބަޔަކު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައެވެ. 

އެ ޕެޓިޝަންގައި ބުނެފައިވާ ގޮތުން މިނިސްޓަރު ނަހުލާ އެ ގަވައިދު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދަން ކުރެއްވުން ކަމަށާއި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައިވެއެވެ.

ޖުލައި މަހުގެ 16 ވަނަ ދުވަހު ގެޒެޓްކުރި އެ ގަވައިދު ތަންފީޒު ނުކުރެވޭތީ އެކަމުގެ ޝަކުވާތައް ވެސް މީގެކުރިން ޝިޕިން އެޖެންސީތަކުން އުފުލަމުން ދިޔައެވެ. އެ ޝަކުވާތައް އޮތްވައި މި މަހުގެ 16 ވަނަ ދުވަހު ގަވައިދު އުވާލީ އެ ތަންފީޒު ކުރުމަށް އެއްވެސް މަސައްކަތެއް ވެސް ނުކޮށް ކަމަށް މައްސަލާގައި ވަނީ ތުހުމަތުކޮށްފައެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނީ ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމެވެ. އެކަމަކީ ބޯޑުން ފާސްކުރުމެއް ނެތި މިނިސްޓަރު ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެއްވޭނެ ކަމެއް ނޫން ކަމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *