ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ނަމުގައި ބަޔަކު ވައްކަން ކުރަމުންގެންދާތީ އެކަމަށް ސަމާލުވުމަށް ހައިތަމް އެދިވަޑައިގެންފިއެވެ. މިކަމާ ގުޅިގެން ހައިތަމް ވިދާޅުވީ، މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން، މެންބަރު ހައިތަމްގެ ނަމުގައި ވައިބާ އެކައުންޓެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ލިބެން އިންނަ މެންބަރުގެ ފޮޓޯ ވައިބާގައި ޖަހައި، އެ އެކައުންޓަކީ މެންބަރު ޚައިތަމްގެ އެކައުންޓެއްކަމަށް ދައްކަން ވަނީ މަސައްކަތްކޮށްފައެވެ. އަދި މި އެކައުންޓް ބޭނުންކޮށް ގިނަ ފިހާރަތަކުން ތަކެތި އޯޑަރުކޮށް ފައިސާ ނުދައްކާ ފިލާފައިވާ ކަމަށް މެންބަރު ޚައިތަމް ވަނީ ވިދާޅުވެފައެވެ. މިގޮތުން، ވައިބާ މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތައް ޖަޒީރާނޫހަށް ވަނީ ލިބިފައެވެ.

މެންބަރު ޚައިތަމްގެ ނަމުގައި ދެ ނަމްބަރެއް ބޭނުންކޮށްގެން އެކައުންޓް ހަދާފައިވާއިރު، މި ދެ އެކައުންޓް ބޭނުންކޮށްގެން މާލޭގެ ބޮޑެތި ފިހާރަތަކުން ވަނީ ވިޔަފާރިކޮށްފައެވެ. އޭގެތެރޭގައި މަޝްހޫރު ސީހައުސް މާޓްވެސް ހިމެނެއެވެ. އެގޮތުން، ފިހާރަތަކުން އޯޑަރުކޮށްފައިވާ ތަކެތީގެ ތެރޭގައި ކޯސްޓްކިރު، މައިލޯ، ކޮފީ، ސިގިރެޓު އަދި ސެނިޓަރީ ނެޕްކިންސްވެސް ހިމެނެއެވެ. ޖަޒީރާނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަކެތި އޯޑަރުކުރުމަށްފަހު، ފައިސާ ދެއްކި ކަމުށްބުނެ ފޭކް ރިސީޓް ފޮނުވުމަށްފަހު ތަކެއްޗާ ހަވާލުވެފައިވެއެވެ. މިގޮތުން 1،500 ރުފިޔާއާއި 2،000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ކޮންމެ ފިހާރައަކުންވެސް ތަކެތި ގަނެފައިވެއެވެ.


ޖަޒީރާނޫހަށް މައުލޫމާތު ދެއްވަމުން މެންބަރު ހައިތަމް ވިދާޅުވީ މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 17ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޑެލިވާ ކުރަން ދިޔަ ފަރާތެއްގެ ހުޝިޔާރުކަމުން ކަމަށެވެ. މިގޮތުން، ފިހާރައަކުން 1،500 ރުފިޔާގެ މުދާ އޯޑަރު ކުރުމަށްފަހު ޑެލިވާ ކުރުމަށް ޝިޔާމް މޮޓޯ ގަރާޖް ކައިރިއަށް އައުމަށް އެދިފައިވާ ކަމަށާއި، ޑެލިވާ ކުރަން ދިޔުމުން ފޭކް ރިސީޓް އެއް ދައްކާފައިވާ ކަމަށެވެ. ގޯހެއް އުޅޭ ކަމުގެ ޝައްކު ކުރެވި، ޑެލިވާ ކުރަން ދިޔަ ފަރާތުން އެކައުންޓް ބެލި ކަމަށާއި، ފައިސާ ޖަމާނުވާކަމަށް ބުނުމުން ތަކެއްޗާ ހަވާލުވާން ގޮސްހުރި ފަރާތުން ފިލާފައިވާ ކަމަށް ޚައިތަމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކޮށްގެން މުދާ ގަތުން ކުރިއަށްވުރެ އާންމު ވެފައިވާއިރު، މިފަދަ ފަރާތްތަކަށް ސަމާލުވުމަށް މެންބަރު ޚައިތަމް ވަނީ އެދިވަޑައިގެންފައެވެ. އަދި، މިފަދަ ކަންކަން ހުއްޓުވުމަށް އެދެވޭ މަސައްކަތެއް ނުކުރެވޭކަން ފާހަގަކުރައްވާ އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމަށް އެދިފައިވެއެވެ. އެގޮތުން، ސިމްކާޑުގެ ވެރިފަރާތް ކަށަވަރުކުރެވޭނޭ ނިޒާމެއް ދިރާގާއި އުރީދޫއިން ކަނޑައެޅުން މުހިންމުކަން ފާހަގަކުރައްވާ، އެޖެންޓުން މެދުވެރިކޮށް ވިއްކާ ސިމްކާޑުތައް ކުންފުނީގެ ސިސްޓަމްގައި އޮންލައިންކޮށް ރެޖިސްޓާ ކުރުމަށްފަހު މެނުވީ އެކްޓިވޭޓް ނުކުރެއްވުމަކީ ރައްކާތެރިވުމުގެ ގޮތުން މި ކުންފުނިތަކަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި އޮންލައިން ވިޔަފާރިތަކުން ފައިސާ ޖަމާވެއްޖެކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށް މެންބަރު ހައިތަމް އެދިވަޑައިގަންފައިވެއެވެ.

މި މައްސަލަ 18 ސެޕްޓެމްބަރުގައި ފުލުހައް ހުށަހަޅާފައިވާއިރު، މިހާރު ފުލުހުންދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. ވައްކަން ކުރުމާއި، އައިޑެންޓިޓީ އޮޅުވާލުމަކީ ގާނޫނީ ކުށަކަށްވާއިރު، މިކަންކަމަށް ސަމާލުވުމަށް މެންބަރު ހައިތަމްވަނީ އެދިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.