ގައުމީ ޓީމުގެ ފެތުންތެރިޔާ އައިޝަތު ހުލްވާ ޙުލައިލަށް އަދި ވީ އެންމެ 17 އަހަރު ކަމުގައި ވިޔަސް އޭނާގެ އުމުރުގެ ހަގު ކަމަކީ ކާމިޔާބީތައް ހޯދުމުގައި ދިމާވި ހުރަހެއްކަމަށް އެއްގޮތަކަށްވެސް ބުނެވޭކަށް ނެތެވެ. ރާއްޖޭގައި މިވަގުތު ތިބި އަންހެން ފެތުންތެރިންގެ ތެރެއިން ހުލްވާ އަކީ ފާހަގަ ކޮއްލެވޭ އުންމީދީ އެތުލީޓެކެވެ.
ވަރަށް ޅައުމުރުގައި ގްރޭޑް 1 ގައި އުޅެމުން ހުލްވާ ފަތަން ދަސްކުރީ ގްރޭޑް 2 ގައި ލިޓްލް މެއިޑްގައި ފުރިހަމަ ކުރަން ޖެހޭ ސްވިމިންގް ބެޖު ހޯދުމަށް ކުރިޔާލާ ތައްޔާރުވުމުގެ ގޮތުން، އޭނާގެ މަންމަ ފަތަން ފޮނުވުމުންނެވެ. އޭރު އެއްގޮތަކަށްވެސް “ސީރިޔަސް” ފެތުންތެރިޔަކަށް ވުމުގެ ހިޔާލެއް ހުލްވާގެ ނެތެވެ.
މިހާރު ސްވިމިންގް ޕޫލްގައި ކިތައްމެ ކުޅަދާނަޔަސް އެންމެ ފުރަތަމަ އޭނާ ފަތަން ދަސްކުރީ ހުލްވާ ބުނިގޮތުގައި “ވަރަށް ވަރަށް ހާލުން”ނެވެ. ހަތަރު ކޯޗުންގެ އެހީއާއެކު ފަތަން ދަސްކުރި އެތުލީޓު ބުނީ ކުޑައިރު ފަތަން ނުދާންވެގެން އެތައްދުވަހަކު ރޯންވެސް ރުއި ކަމަށާއި، އެކަމުގައި ކުރިޔަށް ދެވުނު އެންމެ ބޮޑު އެއްސަބަކީ މަންމަ ކެނޑިނޭޅި ދެމުންދިޔަ ހިތްވަރު ކަމަށެވެ.
“އެންމެ އުފާވަނީ ހުލްގެ ފަހަތުގައި އަބަދުވެސް މަންމައާއި ބައްޕަ ހުންނާތީ.” އެއާއެކު އޭނާގެ ތިއްތަ އަކީ އަކީވެސް ހުލްވާގެ ކުރިއެރުމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރާ ފަރާތެއްކަމަށް އޭނާ ބުންޏެވެ.

ޓީމުގެ ބައެއް އެހެން ފެތުންތެރިންނާއެކު ހުލްވާ ޕޫލްގައި
ފަށައިގަތް ދުވަސްވަރު ފެތުމާއި ދޭތެރޭ އޭނާ ދެކެމުންއައި ގޮތް ބަދަލުވެގެން ދިޔައީ 2012 ވަނަ އަހަރު ބޭއްވުނު ގައުމީ މުބާރާތެއްގައި އިންޑިވިޖުއަލް މެޑްލީ އެއް ޖަހާ ނިންމާލެވުނު ހިސާބުންނެވެ. އޭރު އުމުރުން އެންމެ ނުވަ އަހަރުގެ ހުލްވާ އަށް އޭނާއަށް ވުރެ މާ ދޮށީ އަދި ތަޖުރިބާ ހުރި ފެތުންތެރިންނާ ވާދަކޮށް، ފެތުމުގެ ހަތަރު ވައްތަރުގެ ސްޓްރޯކް (ބެކް ސްޓްރޯކް، ބްރެސްޓް ސްޓްރޯކް، ބަޓަރފްލައި އަދި ފްރީސްޓައިލް) ޖަހަންޖެހޭ ރޭހެއް ނިންމާލެވުން ވެގެންދިޔައީ ފެތުމަށް ވަރަށް ބޮޑަށް ހިތްޖެހުނު ކަމަކަށެވެ.
“ދެން އެންމެ ފަތާހިތްވީ، ފެތުމަކީ އެހާ ސްޓެރެސްފުލް ކަމެއް ނޫން. ޕްރެކްޓިސްގަވެސް ހުރިހާ އެންމެން ވަރަށް އެންޖޯއީ ކުރާނެ ކިތައްމެ ބުރަކޮށް ޕްރެކްޓިސް ދިޔަޔަސް. ރައްޓެހިންނާއެކު ޕްރެކްޓިސް ކުރާތީ [ވަރަށް ފަތާ ހިތްވި ފަހުން].”

ހުލްވާ މުބާރާތެއްގައި ފަތަނިކޮށް ނަގައިފައިވާ ފޮޓޯއެއް
އެހެން ދަމުން ގޮސް 2015 ވަނަ އަހަރު ވަރަށް ހަގު މެމްބަރެއްގެ ގޮތުން ސީނިއަރ ގައުމީ ޓީމަށް ހުލްވާ ހޮވުނެވެ. އެކަމަކު އޭރުގެ ގަވާއިދު އޮތްގޮތުން ހުލްވާގެ ކޯޗު ބަދަލު ކުރަން ޖެހޭތީ އޭނާ ނިންމީ އޭރު ޓީމާއި ނުގުޅުމަށެވެ. 2016 ގައި އޭނާ ގައުމީ ޓީމާއި ގުޅުނީ ގަވާއިދު ބަދަލުވެ، ހުލްވާއަށް އޭނާގެ ކްލަބް، މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން (އެމް.އެލް.އޭ) ގެކޯޗުންނާއެކު ޓްރެއިން ކުރުމުގެ ފުރުސަތު ލިބުނު ހިސާބުންނެވެ. ޒާހިދު ކޯޗުގެ ނަން ހުލްވާ ފާހަގަކުރިއިރު، އެ ކްލަބްގެ ފިރާޝް ކޯޗަކީ 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް ހުލްވާގެ ކޯޗުގެ ގޮތުގައި ހުރި ފަރާތެވެ.
“ފެތުން ދެކެ ލޯބިވާ ސަބަބުތަކުގެ ތެރޭގަ ފިރާޝް ކޯޗު ހިމެނޭނެ. އިވެންޓަކަށް ދިޔުމުގެ ކުރިން ވަރަށް ހިތްވަރުދޭނެ، ހާސްވެފަ ހުރިއްޔާ ހީ ވުޑް ކާމް މީ ޑައުން. އަބަދުވެސް ބުނާނެ ހުލް އަށް މިކަން ކުރެވޭނޭ.”
އޭގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ފަރާތުން ލިބުނު ހިތްވަރު އޭނާ ވަރަށް ފާހަގަކުރިއެވެ. ސްކޫލު ދައުރުގައި ފެތުމުގެ އިތުރުން ނެޓްބޯލް، ބާސްކެޓްބޯލް، ހޭންޑްބޯލް އަދި އެތުލެޓިކްސް ފަދަ ކުޅިވަރުތަކުގައި ހަރަކާތްތެރިވި އިރު މެނޭޖްމަންޓާއި ޓީޗަރުންގެ ފަރާތުން ލިބުނު ސަޕޯޓްގެ ވާހަކަ ދައްކަމުން އަންކޮ މިސްއާއި ސުޖާ ސަރ ގެ ނަން ހާއްސަކޮށް ހުލްވާ ފާހަގަކުރިއެވެ.

ޖަމާލުއްދީން ސްކޫލްގެ އަންކޮ މިސްއާއެކު ހުލްވާ ނަގާފައިވާ ފޮޓޯއެެއް
ގައުމީ ޓީމާއި ގުޅުމަށްފަހު އޭނާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވީ 12 އަހަރުގައެވެ. ހުލްވާ ބުނިގޮތުގައި ބޭރު ގައުމަކަށް ގޮސް އެކި ގައުމުތަކުގެ އެތުލީޓުންނާއެކު ވާދަ ކުރަން ލިބުނު ފުރަތަމަ ފުރުސަތު ވެގެން ދިޔައީ “އެކްސައިޓިންގ އަދި މޯޓޮވޭޓިންގ” ކަމަކަށެވެ. ފެތުމުގެ ދާއިރާއިން މިހާތަނަށް އައިއިރު ހުލްވާ ހޯދާފައިވާ ކާމިޔާބީތަކަކީ އޭނާ އަށް ލިބުނު މޯޓިވޭޝަންގެ ވަރުގަދަ ހެއްކަކަށެވެ.
ހުލްވާގެ ފާހަގަ ކޮއްލެވޭ ކާމިޔާބީތައް:
- 2013 ވަނަ އަހަރުގެ އިންޓަރސްކޫލް ސްވިމިންގ މުބާރާތުގެ 10 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން ފެތުންތެރިޔާ
- 2013 ވަނަ އަހަރުގެ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 10 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން ފެތުންތެރިޔާ
- 2014 ވަނަ އަހަރުގެ އިންޓަރސްކޫލް ސްވިމިންގ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން ފެތުންތެރިޔާ
- 2015 ވަނަ އަހަރުގެ ގައުމީ ފެތުމުގެ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާއިން ދެވަނައަށް އެންމެ މޮޅު އަންހެން ފެތުންތެރިޔާ
- 2015 ވަނަ އަހަރުގެ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން ފެތުންތެރިޔާ
- 2016 ވަނަ އަހަރުގެ އިންޓަރސްކޫލް ސްވިމިންގ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން ފެތުންތެރިޔާ
- 2016 ވަނަ އަހަރުގެ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން ފެތުންތެރިޔާ
- 2016 ވަނަ އަހަރުގެ ގައުމީ ޓީމުގެ ޖޫނިއަރ ގްރޫޕުން ދެވަނައަށް އެންމެ މޮޅު ފެތުންތެރިޔާ
- 2017 ވަނަ އަހަރުގެ ގައުމީ ޓީމުގެ ޖޫނިއަރ ގްރޫޕުން ދެވަނައަށް އެންމެ މޮޅު އަންހެން ފެތުންތެރިޔާ
- 2019 ވަނަ އަހަރުގެ އިންޓަރސްކޫލް ސްވިމިންގ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން ފެތުންތެރިޔާ

ހުލްވާ ލެޕެއްގެ މެދުތެރޭގައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް
ހުލްވާ ވަނީ 2016 ވަނަ އަހަރު ލަންކާގައި ބޭއްވުނު ސައުތު އޭޝިއަން އެކުއޭޓިކް ޗެމްޕިއަންޝިޕްގައި ބައިވެރިވެ 15 އަހަރުން ދަށުގެ އުމުރުފުރާއިން ތިން ލޯ މެޑަލް ހޯދާފައެވެ. އެއީ 4x200 ފްރީސްޓައިލް ރިލޭ (އަންހެން) އިންނާއި، 4x100 މެޑްލީ ރިލޭ (އަންހެން) އަދި 4x100 މެޑްލީ ރިލޭ (މިކްސް)ގެ ކެޓަގަރީ ތަކުންނެވެ.
މީގެ އިތުރުން 2018 ގައި އާޖެންޓީނާގައި އޮތް ސަމަރ ޔޫތު އޮލިމްޕިކްސްގަޔާއި އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސްގައި ބައިވެރިވުމުގެ އިތުރުން، ރާއްޖޭގައި ބޭއްވުނު އިތުރު އެތައް މުބާރާތްތަކަކުން ހުލްވާ ވަނަ ހޯދާފައިވެއެވެ.
އެކަމަކު އެހުރިހާ ކަމަކާއެކުވެސް ފަހަކަށްއައިސް ހުލްވާ އޭނާގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ 2020 ވަނަ އަހަރު އޭނާއަށް މިހާރުގެ ގައުމީ ރިކޯޑު މުގުރާލެވޭހާ ބާރަށް 200 މީޓަރުގެ ބަޓަރފްލައި ސްޓްރޯކް ޖެހުމެވެ. އެ ޕާފޯމަންސް ދެއްކުނީ ބައިނަލްއަގްވާމީ މުބާރާތެއްގައި ނޫންކަމުން އޭނާއަށް އެ މަގާމެއް ނުލިބޭނެއެވެ. ނަމަވެސް ހުލްވާ ހުރީ ވީހާވެސް އަވަހަކަށް އިންޓަރނޭޝަނަލް މުބާރާތެއްގައި އެފަދަ ޕާރފޯމަންސެއް ދެއްކުމަށްފަހު ރިކޯޑެއް މުގުރާލުމުގެ އަޒުމުގައެވެ.
މިހާރު ގްރޭޑް 11 ގައި ކިޔަވަމުންދާ ހުލްވާ ބަރާބަރަށް ކިޔެވުމާ އެއްވަރަށް ފެތުމަށްވެސް ވަގުތު ހުސްކުރެއެވެ. ކޮންމެ ދުވަހަކު ހުޅުމާލޭގައި އޮންނަ ޕޫލަށް ގޮސް ޕްރެކްޓިސް ކުރާއިރު، ޒަމާން ތަކަކަށް ފަހު ފެތުންތެރިންނަށް ރަނގަޅު ފެންވަރެއްގެ ސްވިމިންގ ފެސިލިޓީއެއް ގާއިމް ކުރެވިފައިވާތީ ހުލްވާ ވަރަށް ޝުކުރުވެރިވެއެވެ.
“އަދިވެސް ފެސިލިޓީ އިމްޕްރޫވް ކުރެވިދާނެ. އިންޓަރނޭޝަނަލް މުބާރާތްތަކުގަ ފަތަން ޖެހެނީ 50 މީޓަރ ޕޫލްގަ. މިހާރު މި ޓްރެއިން ކުރަނީ [ހުޅުމާލޭގައި އޮތް] 25 މީޓަރު ޕޫލްގަ. ވަރަށް އުންމީދު ކުރަން 50 މީޓަރގެ ޕޫލެއް ރާއްޖޭގަ އެޅޭނެ ދުވަހަކަށް.”

ހުޅުމާލޭގައި ގާއިމްކުރެވުނު ސްވިމިންގ ޕޫލްގައި ނަގާފައިވާ ފޮޓޯއެއް
އަދި ފެތުން ހުއްޓާލުމުގެ އެއްވެސް ހިޔާލެއް ނުކުރާ ފެތުންތެރިޔާ ބުނިގޮތުގައި އޭނާ ވިސްނަނީ ކުރިޔަށް އޮތްތަނުގައި ފެތުމުގައި އެކި ކާމިޔާބީތައް ހޯދަމުން ކިޔެވުން ކުރިޔަށްގެންދިޔުމަށެވެ. އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން އަޒުމު ކަނޑައަޅައިގެން ހުރި އެތުލީޓު އޭނާގެ ކުރިމަގަށް ބަލަނީ އުންމީދުން ފުރިގެންވާ ނަޒަރަކުންނެވެ.
ހުލްވާ ބުނިގޮތުގައި އޭނާގެ މިހާރުގެ އަމާޒަކީ 50 އަދި 100 މީޓަރ ބްރެސްޓް ސްޓްރޯކް ގެ ގައުމީ ރިކޯޑާއި، 200 މީޓަރ ބަޓަރފްލައި ސްޓްރޯކްގެ ގައުމީ ރިކޯޑް މުގުރާލުމެވެ.
ވޮއްވޯ!! ތި ކުރާ ހިތްވަރަށް ސާބަސް!! ماشا الله
ކުރު ވީމަ ހަމަ އަވަހީ