ޕޯޗުގަލްގެ ބެނެފީކާއަށް ކުޅެމުން އަންނަ ޑިފެންޑަރު ރުބެން ޑިއާސްގެ ސޮއި ހޯދުމާއި ގާތަށް މެންޗެސްޓަރ ސިޓީއިން ޖެހިލައިފިއެވެ. 

އޭނާ ހޯދުމަށް މިދިޔަ ދެ އަހަރު ވެސް ސިޓީއިން މަސައްކަތް ކޮށްފައިވާއިރު ބެލެވޭ ގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ސިޓީއިން އޭނާގެ ސޮއި ކަށަވަރުކުރާނެއެވެ. އުމުރުން 23 އަހަރުގެ ޑިއާސް ސިޓީއާ ގުޅޭނީ 62 މިލިއަން ޕައުންޑަށެވެ. 

މިހާރު ސިޓީއަށް ކުޅޭ ނިކޮލަސް އޮޓަމެންޓީ ބެނެފީކާއަށް ބަދަލުވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުޅިން ވަކި ޓްރާންސްފަރއެއް ކަމަށްވާއިރު އޭނާ ބަދަލުވާނީ 14 މިލިއަން ޕައުންޑްގެ ފީއަކަށެވެ. 

މިއީ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެޓީމު ދޫކޮށްލި ފަހުން ކޯޗު ޕެޕް ގާޑިއޯލާ އެޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެކެވެ. އެންމެފަހުން ލެސްޓާ ސިޓީއާ ދެކޮޅަށް ޕްރިމިއަރ ލީގުގައި ކުޅުނު މެޗުގައި ސިޓީ ކޮޅަށް ފަސް ލަނޑު ވަން އިރު މިއީ އެއް މެޗެއްގައި ގާޑިއޯލާ ކޯޗުކޮށްދިން ޓީމެއްގެ ކޮޅަށް އެންމެ ގިނަ އަދަދަކަށް ވަން ލަނޑެވެ. 

2017 ވަނަ އަހަރު ބެނެފީކާގެ އެކަޑަމީއިން ފުރަތަމަ ޓީމަށް ޕްރޮމޯޓްވުމަށްފަހު ޑިއާސް އަންނަނީ އެޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިކަމުގެ ސަބަބުން އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން ދިޔައީ މަސައްކަތްކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.