އުންމީދަކީ ޓޫރިޒަމް ސިނާއަތުން ފައިދާވާ ރައްޔިތުންގެ އަދަދު އިތުރުކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ.މައުސޫމް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނެރުނު ހާއްސަ ސަޕްލިމެންޓަށް ދެއްވި ހިތާބެއްގައެވެ. މި ހިތާބުގައި ޓޫރިޒަމް މިނިސްޓަރު ވަނީ މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 48 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުންވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނޫ އިގްތިސާދުގެ ސިޔާސަތުގެ ދަށުން ޓޫރިޒަމުން ލިބޭ ފައިދާ ހުރިހާ ރައްޔިތުންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ސަގާފަތާއި ތާރީހް ބޭނުންކޮށް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރާނޭ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި ރަށްރަށުގައި ވަޒަންވެރިވެގެން އުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ޓޫރިޒަމުން ނަފާވާ މީހުންގެ އަދަދު އިތުރުކުރެވޭނޭކަމަށްވެސް ވިދާޅުވެފައެވެ. މިކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މިއަހަރުގެ ޝިއާރަކީ މިހާރުގެ ހާލަތަށް އެކަށީގެންވާ ޝިއާރެއްކަމަށްވެސް ޑރ.މައުސޫމް ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ ޝިއާރަކީ "ޓޫރިޒަމް – ރަށްފުށު ތަރައްގީއާއި ކުރިއެރުން" މިއެވެ. ކޮވިޑް-19ގެ މިހާލަތުގައި މުޅި ދުނިޔޭގައިވެސް ޓޫރިޒަމް މަޑުޖެހިފައިވާއިރު، ކުރިމަގުގައި މިހާރަށްވުރެ ރަނގަޅު ޓޫރިޒަމް ސިނާއަތެއް ބިނާކޮށް، މި ސިނާއަތުން އެންމެނަށް ނަފާވާނޭ ގޮތެކަށް މަސައްކަތް ކުރުން މުހިންމުކަމަށް ޓޫރިޒަމް މިނިސްޓަރު ފާހަގަކުރައްވާފައެވެ. އަދި، ޓޫރިޒަމް ސިނާއަތުގެ މަތީފަނޑީގައި ދިވެހިންގެ ބައިވެރިވުން މިހާރަށްވުރެ ވެސް އިތުރުކޮށް، މެނޭޖަރުންގެ ފެންވަރުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަށް އިސްކަމެއް ދިނުމުގެ މުހިންމުކަން ފާހަކޮށްފައިވެއެވެ.

ޑރ.މައުސޫމް ވަނީ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމުގައި މަސައްކަތްކުރާ ހުރިހާ ހިއްސާދާރުންގެ ބައިވެރިވުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އަދި ސަރުކާރުގެ އުންމީދަކީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި އަދި އެންމެ ރައްކާތެރި ޓޫރިޒަމް ޑެސްޓިނޭޝަނަށް ހެދުން ކަމަށްވެސް ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.