ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދޭ 5 ބިލިއަން ޖަޕަނީޒް ޔެން (47.5 މިލިއަން އެމެރިކާ ޑޮލަރު، 732.4 މިލިއަން ދިވެހި ރުފިޔާ) ގެ ކޮންސެޝަނަލް ލޯން އެހީއާއި ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މިއީ 4 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް، 0.01 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯން އެހީއެކެވެ. 

މިކަމަށްޓަކައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެޤައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެވެ. މި ލޯން އަކީ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތާރީޚުގައި އެޤައުމުން ފޯރުކޮށްދޭ އެންމެ ބޮޑު ލޯން އެހީއެވެ. ޖަޕާނުން ފޯރުކޮށްދޭ ލޯން އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިވަގުތު ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވައި، އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާނުން މެދުނުކެނޑި ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޒަމާންތަކަކަށް ދިގުދެމިފައިވާ ދެޤައުމުގެ ގާތްގުޅުމަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.

އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކުރެވުމާ ގުޅިގެން މި ލޯނާ ގުޅޭ ރަސްމީ އެއްބަސްވުމުގައި މިމަހުގެ 30 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.