ކުރިޔަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވައުދުވެވަޑައިގެންފިއެވެ.

އެމަނިކުފާނުގެ ބޭބޭފުޅު ޑރ. ނާޝިދު ވަނީ އެމަނިކުފާނު ލައިފް ސަޕޯޓުން ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ރިކަވަރީއާ މެދު ޑޮކްޓަރުން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދާއި ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އަދި ކުރިޔަށް ވުރެ ވަރުގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ޑރ. ނާޝިދު ވަނީ ހާމަކުރައްވާފައެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ ބުރާސްފަތި ދުވަހުގެ 8:20 ހާއިރު އެވެ. އެއީ ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް ގޮވުމެއް ގޮޮއްވާލައިގެންނެވެ. ރައީސް ނަޝީދު އެވަގުތު ނިކުންނެވީ ކުރުނބާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް، ފުރާވަޑައިގެންނެވުމަށް ކަމަށް ވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު އެ ހަމަލާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ސިފައިންގެ ދެ މީހަކަށާއި، ފަތުރުވެރިއަކަށް އަދި އާންމު ރައްޔިތަކަށް އަނިޔާތަކެއް ލިބި ފަރުވާދީފައިވެއެވެ. ރައީސް ނަޝީދު ފިޔަވައިި، އަނިޔާތަކުގައި ފަރުވާދެވުނު އެންމެން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ނަމަވެސް ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާއި ގުޅިގެން ހޮސްޕިޓަލުގައި ވަނީ ބައެއް އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ.

ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި ހަމަލާގައި އެމަނިކުފާނުގެ ހަށިގަނޑުގެ އެކި ސަރަހައްދުތަކަށް އެކިއެކި އަނިޔާތައް ލިބިފައިވެއެވެ. އެގޮތުން ކަންފަތުގެ ތޫރި ފަޅައިގެން ގޮސްފައިވާ ކަމަށާއި، ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ ގޮހޮރަށް ވެސް އަސަރު ކޮށްފައިވާ ކަމަށް ވެއެވެ.

ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ބޯ، މޭމަތި، ބަނޑު އަދި ހަތަރެސްފަޔަށް ވެސް އަނިޔާވެފައިވާ ކަމަށް އޭޑީކޭއިން ހާމަކޮށްފައި ވެއެވެ.

ފުލުހުންގެ އެންމެ ޓޮޕް ޕްރިއޯރިޓީ ދީފައިވާ ކޭސްގެ ގޮތުގައި ރައީސް ނަޝީދަށް ދެވުނު ހަމަލާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ހަމަލާގައި ބައިވެރިވި ކަމަށް ޝައްކު ކުރެވުނު 4 މީހުންނަށް ޝައްކު ކުރެވިފައި ވަނީ ހަމަލާ ދެވުނު ސަރަހައްދުގައި އެމީހުންގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.