މައުލޫމާތަކީ އެންމެ ބާރުގަދަ ހަތިޔާރު ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. 

ރިފްއަތު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގަ އެވެ. 

ބަންޑާރަ ނައިބު ވިދާޅުވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ މި ޒަމާނުގައި މައުލޫމާތަކީ އެންމެ އަގު ބޮޑު ބޮޑު ރައުސްމާލު ކަމަށާއި އެއީ އެންމެ ބާރުގަދަ ހަތިޔާރު ކަމަށެވެ. 

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއްގެ ބިންގާ، އެ މިނިވަންކަން ބޭނުން ކުރަންވީ ފަރުދުންގެ ހައްގުގަ، ގައުމީ މަސްލަހަތުގައި، އެންމެންގެ ހެވާއި ލާބައަށް،" ބަންޑާރަ ނައިބު ވިދާޅުވިއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މިއަދު މުނާސަބަތުގައި ހިތޯބެއް ދެއްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަނާއި ހިޔާނާތާއި މަކަރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށް އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތައް އިދާރާތަކުން ހާމަކުރުން ކަމަށެވެ. މައުލޫމާތު ހާމަކުރަން ފަސްޖެހޭ ނަމަ އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށެވެ. ނަޒާހަތްތެރިކަން އިތުރުވެގެން ދާނީ މައުލޫމާތު ހާމަކުރަން އިސްކަންދޭ މިންވަރުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ އަސާސީ ހައްގުތަކެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅައި ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ އެހައްގު ރައްޔިތުންނަށް ލިބިގެން ކަމަށް ވާތީ،" ހިތޯބުގައި ރައީސް ލިޔުއްވާފައިވެއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އިދާރާތަކުގެ އިހްތިޔާރުގައި އޮތް ކަމެއް ނޫން ކަމާއި އެއީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ މި ސަރުކާރުގެ ސިޔާސަތަކީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. މައުލޫމާތު ލިބިގަތުމުގެ އަސާސީ ހައްގު ހަގީގީ މާނައިގައި ރައްޔިތުންނަށް ދޭން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުއްމީދު އޮތް ރައީސް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *