ޓޫރިޒަމް ދާއިރާގެ ބޮޑު މުސާރަ ލިބޭ މަގާމުތައް ދިވެހިންނަށް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށާއި އެ މަގުން މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

"ބޯޑާ މައިލްސް މޯލްޑިވްސް" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމްގެ މަންފާ އެންމެ ރަނގަޅަށް ގައުމަށް ލިބިގެން ދާނީ ދިވެހިންނަށް ވެރިންނަށް ވެގެން ކަމަށެވެ. 

"ދިވެހިން ކުރާ ހިތްވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ލިބެން ޖެހޭ، އަންހެނުންގެ ހިއްސާ ބޮޑުކުރަން އެބަޖެހޭ، އަންހެނުންނާއި ދަނޑުވެރިންނާއި ފަންނާނުންގެ ބައިވެރިވުން އޮންނަންޖެހޭ، އަޅުގަނޑުމެން މަސައްކަތް ކުރާނީ އެ މަގުން،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ މި ހާލަތުގައި ވެސް ރާއްޖޭގެ ޓޫރިޒަމް ހިންގައި އިގްތިސޯދު އަލުން ދިރުވުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުގެ މަތިން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަކީ ވަރަށް ހިތްވަރު ގަދަ ނިންމެވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"އެ ނިންމެވުމަކީ ވަރަށް ހިތްވަރު ގަދަ މުހިންމު ނިންމުމެއް، ހަރުދަނާ ނިންމުމެއް،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. 

ރާއްޖޭގެ ރިސޯޓްތަކާއި ސަފާރީތައް މިހާރު ވަނީ ހުޅުވާލާފައެވެ. ގެސްޓްހައުސްތައް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.  

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ހިންގާއިރު އެންމެ އިސްކަމެއް ދެނީ ރައްޔިތުންނާއި މުވައްޒަފުންނާއި ޓޫރިސްޓުންގެ ސަލާމަތާއެކު ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *