މިރޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކުން ފަސޭހަވެވަޑައިގެން މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވެންދެން، ހުރި ހިތްވަރަކައިގެން މަޖިލީހުގެ ރިޔާސަތް ބަލަހައްޓަވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރޭއްސުރެ ކުރިއަށް ގެންދާ މަޖިލީހުގެ ކުއްލި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޖަލްސާގައި އީވާ ވަނީ ރައީސް ނަޝީދުގެ ހާލުކޮޅާ ބެހޭގޮތުން ޑޮކްޓަރު ދެއްވާފައިވާ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާ ކުރައްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އީވާ ވިދާޅުވީ، ވޭތުވެދިޔަ 16 ގަޑިއިރުތެރޭ ރައީސް ނަޝީދުގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިއަދު މެންދުރުވެސް ނާޒުކު، ފުރާނަ ސަލާމަތް ކުރުވަނިވި އޮޕަރޭޝަނެއް ކަމިޔާބު ކަމާއެކު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން އިތުރަށް ބުނީ، އެމަނިކުފާނުގެ ބޯ، މޭމަތި، ބަނޑު އަދި ހަތަރެސްފަޔަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ވެސް އޮންނެވީ ސީރިއަސް ހާލަތުގައި އައިސީޔޫގައި ކަމަށް ވެސް އޭޑީކޭއިން ބުނެއެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން އީވާ ވަނީ ރައީސް ނަޝީދަށް ފަރުވާ ދެމުންދާ އޭޑީކޭގެ ޑޮކްޓަރުންނަށާއި ހެޔޮ ދުޢާތައް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.