އާސަންދައިން ފުރަތަމަ ފަހަރަށް މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ. މި އެޕްލިކޭޝަން މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. 

އާސަންދަ ސްކީމް މެދުވެރިކޮށް ހިދުމަތްހޯދާ ފަރާތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ މި އެޕްގައި ކޮންމެ ދިވެއްސަކަށް ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އެޕް ޑައުންލޯޑްކޮށް ރެޖިސްޓަރވުމުން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އެޕުން ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި ނުހޯދާ ޚިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަޙުޤީޤުކުރާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. 

މި އެޕް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ. މިއަދު އެންޑްރޮއިޑް އެޕްލިކޭޝަން ލޯންޗްކުރި ނަމަވެސް އަވަސް މުސްތަގުބަލެއްގައި އައިއޯއެސް އެޕްލިކޭޝަން ލޯންޗްކުރެވިގެންދާނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. 

އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އާސަންދަ އެޕުން ފެންނަން ނުހުންނާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.