ރައީސް މުހައްމަދު ނަޝީދަށް ހަމަލާދެވުނު ވަގުތު، އެ ސަރަހައްދުން ނެގިފައިވާ މަންޒަރެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހާޅުކޮޅު ސީރިއަސް ކަމަށާއި، އޮންނެވީ އައިސީޔޫގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭއިން ބުނީ، ވޭތުވެދިޔަ 16 ގަޑިއިރުތެރޭ ރައީސް ނަޝީދުގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިއަދު މެންދުރުވެސް ނާޒުކު، ފުރާނަ ސަލާމަތް ކުރުވަނިވި އޮޕަރޭޝަނެއް ކަމިޔާބު ކަމާއެކު ކޮށްފައިވާ ކަމަށް އޭޑީކޭއިން ބުނެއެވެ.

ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ބޯ، މޭމަތި، ބަނޑު އަދި ހަތަރެސްފަޔަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ވެސް އޮންނެވީ ސީރިއަސް ހާލަތުގައި އައިސީޔޫގައި ކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭއިން އިތުރަށް ބުނީ ރައީސް ނަޝީދުގެ އާއިލާގެ އެދުމުގެމަތިން، ވަގުތާ ހާލަތަށް ރިއާޔަތްކޮށް، އެމަނިކުފާނުގެ ހާލަތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ ރޭގެ 8:20 ހާއިރު އެވެ. އެއީ ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް ގޮވުމެއް ގޮޮއްވާލައިގެންނެވެ. ރައީސް ނަޝީދު އެވަގުތު ނިކުންނެވީ ކުރުނބާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް، ފުރާވަޑައިގެންނެވުމަށް ކަމަށް ވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު އެ ހަމަލާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރެއްވި ސިފައިންގެ ދެ މީހަކަށާއި، ފަތުރުވެރިއަކަށް އަދި އާންމު ރައްޔިތަކަށް އަނިޔާތަކެއް ލިބި ފަރުވާދީފައިވެއެވެ. ރައީސް ނަޝީދު ފިޔަވައިި، އަނިޔާތަކުގައި ފަރުވާދެވުނު އެންމެން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ނަމަވެސް ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާއި ގުޅިގެން ހޮސްޕިޓަލުގައި އަންނަނީ ބައެއް އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ.

ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި ހަމަލާގައި އެމަނިކުފާނުގެ ހަށިގަނޑުގެ އެކި ސަރަހައްދުތަކަށް އެކިއެކި އަނިޔާތައް ލިބިފައިވެއެވެ. އެގޮތުން މިހާތަނަށް ދެ އޮޕަރޭޝަނެއްކޮށްފައިވެއެވެ. އަދި ކަންފަތުގެ ތޫރި ފަޅައިގެން ގޮސްފައިވާ ކަމަށާއި، ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ ގޮހޮރަށްވެސް އަސަރުކޮށްފައިވާކަމަށް ވެއެވެ.

ފުލުހުންގެ އެންމެ ޓޮޕް ޕްރިއޯރިޓީ ދީފައިވާ ކޭސްގެ ގޮތުގައި ރައީސް ނަޝީދަށް ދެވުނު ހަމަލާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ހަމަލާގައި ބައިވެރިވި ކަމަށ ޝައްކު ކުރެވުނު 4 މީހުންނަށް ޝައްކު ކުރެވިފައިވަނީ ހަމަލާ ދެވުނު ސަރަހައްދުގައި އެމީހުންގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.