ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު، މަގާމްގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިން މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައި ނުވާ ކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. 

އެހެންކަމުން އެ މައްސަލާގައި ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މައުލޫމާތު ނެތްއިރު، އެ ޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށް، ނާޖާއިޒު ފައިދާއެއް ހޯދައިދީފައި ވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުހައްމަދީއާބާދު އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އޭނާގެ މައްޗަށް ވެސް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ މި މުއާމަލާތުގެ އެކި މަރްހަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވާސީސް ޕީޓީއީއާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެ މައްސަލައިގައި ހިމެނޭ އެބައި ފުލުހުންނަށް ހުށަހެޅުމަށް އޭސީސީއަށް ލަފާ ދީފައިވާ ކަމަށެވެ. 

އޭގެ އިތުރުން މި މައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައި ނުވާ މައުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަހުގީގުކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށްވެސް އޭސީސީއަށް ލަފާދީފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.