ބޮޑުފިނޮޅުގައި މުސާރަ ނުދީ މަސައްކަތް ކުރުވި ބިދޭސީންގެ ހައްގު ކަށަވަރުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލަ ބިދޭސީންގެ ފަރާތުން ހުށަހަޅާފައިވަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިންނެވެ. އެ ލޯ ސެންޓާ އިން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ 15 ޖުލައިގައެވެ. އެހެންނަމަވެސް މައްސަލަ ބަލައިގަތީ އޮގަސްޓް 19ގައެވެ. އަދި، މައްސަލަ ބަލައިގަތް ފަހުން އެދެވޭ ކުރިއެރުމެށް ނުލިބޭތީ، ފާއިތުވަމުންދާ ކޮންމެ ދުވަހަކީ ބިދޭސީންގެ ހައްގައް އުނިކަމެއް ގެނުވާ ދުވަހެއް ކަމަށްބުނެ އެ ސެންޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ޕީއައިއެލްސީ އިން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށާއި، އަދި މުސާރަ ނުލިބި ގިނަދުވަސްވުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުވެސް ނަގައިދިނުމަށެވެ. މީގެ އިތުރުންވެސް، އަނބުރާ ގައުމަށް ދިއުމަށް އެދޭ މީހުން ގައުމަށް ފޮނުވާލުމުގެ އިންތިޒާމުތައްވެސް މަސައްކަތްތެރިންގެ ޒިންމާ ނަގަންޖެހޭ ރިޒް ކުންފުނިން ހަމަޖައްސައިދުނުމުގެ އަމުރަކަށެވެ.

ބޮޑުފިނޮޅުގައި މުސާރަ ނުދީ މަސައްކަތް ކުރުވި ބިދޭސީންގެ މުސާރަދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީއިންވެސް ވަނީ އަމުރުކޮށްފައެވެ. އެ އެންގުން ބާތިލް ކުރުމަށް ރިޒް ކުންފުނިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ. ބ. ބޮޑުފިނޮޅު ތަރައްގީ ކުރަމުންގެންދިޔައީ ސީލް ކުންފުނީގެ ރިޒޯޓެއްގެ ގޮތުގައެވެ. ރިޒް ކުންފުނިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މުސާރަ ނުދެވުނީ ސީލް ކުންފުނިން ދޭންޖެހޭ ފައިސާ ނުދިނުމުންނެވެ.

ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަންޖެހުމުން، ބިދޭސީންގެ ތެރޭގައި ނުތަނަވަސްކަން އުފެދި އެކި ފަހަރު މަތިން ވަނީ މުޒާހަރާކޮށްފައެވެ. މީގެތެރެއިން، އެންމެ ފަހުން ކުރި މުޒާހަރާގައި ފުލުންނާއިވެސް ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. އަދި ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންގެންދާ ބ. ބޮޑުފިނޮޅުގެ އެކި ސަރަހައްދުތަކަށް ވަނީ ގެއްލުން ލިބިފައެވެ.

މި މައްސަލަ މިހާރު ދަނީ ފުލުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން ތަހުގީގުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.