ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށެގެން ދިން ހަމަލާގެ ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯދަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) އިން ސަރުކާރަށް ލަފާ އެރުވުމަށް ނިންމައިފި އެވެ.

ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން 241 ކޮމިޓީގެ ސިއްރު ކުއްލި ބައްދަލުވުމެއް ބާއްވައިފައިވެއެވެ.

ބައްދަލުވުމަށްފަހު ޖަޒިރާ އާ ވާހަކަދައްކަވަމުން ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދުނުމަށް ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ގެންދިއުމުގައި ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ފެންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ބޭރުގެ މާހިރުންގެ އެހީހޯދުމަށް އަޅުގަނޑުމެން ރިކޮމެންޑް ކުރަން"

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން މި ހަމަލާ ސިފައިންނާއި ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލީހުގެ ކުއްލި ޖަލްސާ ކުރިއަށްދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. މިރެއަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލައްވައި އީވާ ވިދާޅުވީ މާދަމާ އިތުރު ޖަލްސާއެއް ބާއްވަވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.