އިންޑިޔާ-ކޮޗިންގެ ކާގޯ ފެރީ ހިދުމަތް ފެށިގެން ދިޔުމަކީ ކުރިއެރުމަށް ހުޅުވިގެން ދިޔަ ބޮޑު ފުރުސަތެއް ކަމަށް ވިދާޅުވެ ކުޅުދުއްފުށީ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުން އެ މަޝްރޫއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް އިންޑިޔާ-ކޮޗިން ކާގޯގެ ފުރަތަމަ ފެރީ ބަނދަރު ކުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ވިދާޅުވީ މި ދުވަހަށް ކުޅުދުއްފުށީ ރައްޔިތުންނާއި ދިވެހި އެންމެހާ ރައްޔިތުން އިންތިޒާރު ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. 

މި މަޝްރޫއަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރެއްވި ބޮޑު މަސައްކަތެއް ކަމަށާއި އޭގެ ފައިދާ ބޮޑު ވާނެ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

ޖަމްޝީދު ވިދާޅުވީ ދިވެހި ވިޔަފާރިވެރިން ޒަމާނުއްސުރެއް ތިބީ ލުއި ފަސޭހަކަމާއެކީ މުދާ ގެނެވޭނެ ގޮތްތަކެއް ހޯދަން ބޭނުންވެފައި ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް ކާގޯ ފެރީ އައުމާ ގުޅިގެން އެކަންތަކަށް މަގުފަހިވާނެ ކަމަށާއި އޭގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިވެ، ތަނަވަސްވާނެ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާއި ފުދުންތެރިކަން އިތުރުވެގެން ދާނެ ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.

"11 އަހަރު އިންތިޒާރަކަށް ފަހު އަޅުގަނޑުމެންގެ އިންތިޒާރު ނިމިގެން އައީ ދިވެހި އުދަރެހުން އަޅުގަނޑުމެންނަށް ފާއްދާލި އިރާއެކު. މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިޔާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް ބޯޓު ބަނދަރުކޮށްފި. މިއީ ވަރަށް އުފާވެރި ދުވަހެއް،" ޖަމްޝީދު ވިދާޅުވި އެވެ.

ޖަމްޝީދު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ ދާއިމީ ގޮތެއްގައި މި ހިދުމަތް ލިބުން ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދާއިމީ ގޮތެއްގައި އެކަމުގެ ފައިދާ ލިބިގެން ދާނެ ގޮތަކަށް މަޝްރޫއު ކުރިޔަށް ގެންދަން ޖެހޭ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. 

"ކުޅުދުއްފުށި ބަނދަރު މިހާރު ވަނީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. ހިދުމަތްތައް ދެވޭނެ،" ޖަމްޝީދު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވެބް ކޮންފަރަންސިން މެދުވެރިކޮށް، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ މިއީ އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވި ދުވަހެއް ކަމަށެވެ.

ރާއްޖޭގެ އުތުރުގެ ރަށްތަކާއި އިންޑިޔާގެ ދެކުނު ސަރަހައްދާ ވިޔަފާރީގެ ގޮތުން ވަރަށް ބޮޑަށް ގުޅި، ގިނަ މުއާމަލާތްތަކެއް ހިންގަމުން އައި ކަން ދިވެހި ތާރީހުން ދައްކާ ކަމަށް ޔާސިރު ވިދާޅުވި އެވެ. އަދި މިއަދު އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާ ކަމަށާއި އިންޑިޔާ އާއި ރާއްޖޭގެ އިގްތިސާދާއި ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެންދާ އާ ސަފުހާއެއް ހުޅުވިއްޖެ ކަމަށް ވެސް ޔާސިރު ވިދާޅުވި އެވެ.

"އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ރައްޔިތުން މަޖިލީހަށް ވަޑައިގެން ވަނީ މި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި. އެކަމަށް އެއް އަހަރު ފުރުން އިރު މިއަދު މި ވަނީ އެ ތާރީހީ ވަގުތު އައިސް ޖެހިފަ،" ޔާސިރު ވިދާޅުވި އެވެ. 

ޔާސިރު ވިދާޅުވީ މިފަދަ މަޝްރޫއެއް އިންޑިޔާއާއެކު ހިންގަނީ ކީއްވެތޯ ބައެއް ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު އިންޑިޔާއާއެކު މިފަދަ މަޝްރޫއުތައް ނުހިންގަން ވީ ސަބަބެއް ނެތް ކަމަށް ވެސް ޔާސިރު ވިދާޅުވި އެވެ. 

އިންޑިޔާއަކީ ރާއްޖެއަށް ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަންގެ ސާމާނު ފަދަ ތަކެތި އެންމެ ގިނައިން އެތެރެ ކުރާ އެއް ގައުމު ކަމަށާއި މި ކާގޯ ފެރީގެ ސަބަބުން އެ ވިޔަފާރިތައ އިންތިހާއަށް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް ޔާސިރު ވިދާޅުވި އެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *