އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުށީ ސިޓީއާ ދެމެދު ކާގޯ ފެރީއަކުން ގުޅާލުމުން އުތުރުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އެތައް ގޮތަކުން ފައިދާވެގެން ދާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. 

މިއަދު ހެނދުނު، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ކާގޯ ފެރީ ވަނީ ބަނދަރުކޮށްފައެވެ. އެ ފެރީއިން ކުޅުދުއްފުއްޓަށް ދެ ކޮންޓެއިނާގެ މުދާ ބާލާނެއެވެ. 

އެކަން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްލަތީފް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ބައިނައަގްވާމީ ބަނދަރަކާއި ކުޅުދުއްފުށީ ބަނދަރު ސީދާ ގޮތުން ގުޅިގެން ދިޔުމަކީ ތާރީހީ ކަމެއް ކަމަށެވެ. 

ލަތީފް ވިދާޅުވީ މި ހުވަފެން ކުޅުދުއްފުށީ ރައްޔިތުން ދެކެމުން އަންނަތާ 12 އަހަރު ވެފައިވާ ކަަމަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުންވީ ވައުދު މި ސަރުކާރުން ފުއްދާފައިވުމަކީ އުފަލެއް ކަމަށެވެ. މީގެ ސަބަބުން ސަރަހައްދީ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް އެތައް މަންފާއެއް ލިބިގެންދާނެ ކަމަށެވެ. 

މުދާ އަގުހެޔޮވުމުގެ އިތުރުން މިއީ ޝެޑިއުލް ކުރެވިގެން ކުރިއަށް ދާ ފެރީއަކަށްވާތީ ބޭނުންވާ ދުވަހަށް މުދާ ގެނައުމުގެ ފުރުސަތު ވެސް ސަރަހައްދުގެ ވިޔަފާރިވެރިންނަށް ލިބިގެންދާނެކަން ލަތީފް ފާހަގަ ކުރެއްވިއެވެ. ކޮޗިންގެ ބަނދަރަކީ ދުނިޔޭގެ އެތައް ބަނދަރަކާ ގުޅިފައިވާ ބަނދަރަކަށްވާއިރު އެ ބަނދަރު ކުޅުދުއްފުށީ ބަނދަރާ ގުޅިގެން ދިޔުމަކީ ވަރަށް ފުޅާ މާކެޓަކަށް ކުޅުދުއްފުށި ހުޅުވިގެން ދިޔުންކަން ވެސް ލަތީފް ފާހަގަ ކުރެއްވިއެވެ. 

"މިއީ ކުޑަ ކަމެއް ނޫން، ތާރީހީ ބޮޑު ކަމެއް،" ލަތީފް ވިދާޅުވިއެވެ.  

ލަތީފް ވިދާޅުވީ ފެރީގެ ހިދުމަތާ ގުޅޭ ގޮތުން ކުޅުދުއްފުށީ ރައްޔިތުންގެ ހުރީ އުފާވެރި ޝުއޫރުތަކެއް ކަމަށެވެ. އެކަމުން އެނގިގެން ދަނީ މިއީ ރައްޔިތުން ވަަރަށް ބޮޑަށް އުއްމީދު ކުރަމުން ދިޔަ ކަމެއްކަން ހާމަވަގެންދާ ކަމަށެވެ. 

މި ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުޅުދުއްފުށީ ޕޯޓް އިތުރަށް ތަރައްގީ ކުރަން ޖެހޭކަން ލަތީފް ފާހަގަ ކުރެއްވިއެވެ. ބޮޑެތި ބޯޓް ކައިރި ކުރެވޭވަރު ކުރަން ޖެހޭ ކަމަށެވެ. ދެން އެންމެ އަވަހަށް ދެކެން ބޭނުންވަނީ އެކަން ހާސިލްވެގެން ދިޔުން ކަމަށާއި އެކަމަށް މި ސަރުކާރުން ފަހިކޮށް ދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.