މިއަދު، އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކޮށް ބަނދަރުކުރި ފެރީއާއެކު ކުޅުދުއްފުށީ ސިޓީ އާއި މުޅި ބޮޑު ތިލަދުންމަތި ބޮޑުކޮށް ތަރައްގީ ކުރުމުގެ ބިންގާ އެޅިގެން ދިޔައީ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ކުޅުދުއްފުއްޓަށް ކާގޯ ފެރީ ބަނދަރުކުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އުތުރު ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ވަރަށް އުފާވެރި ވިސްނުންފުޅުތަކެއް ކަމަށެވެ. ފެރީގެ މަޝްރޫއުއަކީ އެފަދަ އެއް މަޝްރޫއު އެވެ. 

"މިއަދަކީ އުފާވެރި ދުވަހެއް، މިއަދަކީ ދިވެހިރާއްޖެއަށް އާ ދިރިމެއް ލިބިގެންދާ ދުވަހެއް، މިއަދަކީ ބޮޑުތިލަދުންމަތި ބޮޑުކޮށް ދިއްލުމުގެ ފެށުން ފާހަގަކުރާ ދުވަސް، މިއަދަކީ ކުޅުދުއްފުށީ އަލުން އާރާސްތުކޮށް ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ޒިކުރާ އާކޮށް އެ މައްޗަށް އާ ބިނާތައް އާރާސްތުކުރަން ފަށާ ދުވަސް، މިއަދަކީ ރައީސް ސޯލިހަކީ ވައުދުވެ އެ ވައުދުތައް ފުއްދަވާ ބޭފުޅެއްކަން އަނެއްކާވެސް ތާރީހުގައި ލިޔެވިގެން ދިޔަ ދުވަހެއް،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. 

މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ފެށިގެން ދިޔަ ފެރީގެ ހިދުމަތަކީ ފަހުރުވެރިވާން ޖެހޭ ފަދަ ކަމެއް ކަމަށެވެ. ހުޅުވާލެވޭ ކޮންމެ ފާލަމަކީ އޭގެން އެތައް ފައިދާތަކެއް ކުރުވާނެ ކަމެއް ކަމަށެވެ. އެގޮތުން މި ފެރީގެ ފައިދާ އާއި ނަތީޖާ އެތައް ގޮތަކުން ފެނިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އުތުރުގެ ތަރައްގީއަށް މި ސަރުކާރުން ގެންގުޅެނީ ވަރަށް އުފާވެރި ވިސްނުންތަކެއްކަން ފާހަގަ ކުރައްވަމުން ޝާހިދު ވަނީ ހަނިމާދޫ އެއާޕޯޓް، ހަގީގީ ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުވެގެންދާނެކަން ފާހަގަ ކުރައްވާފައެވެ. އެ މަޝްރޫއުއަކީ ވެސް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އަންނަ ޖެނުއަރީގައި މަސައްކަތް ފަށާނެ އެވެ. 

ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް އެތަނަށް ބޮޑެތި ބޯޓްތައް ޖައްސާނެ ކަމަށެވެ. އޭރަށް އެ އެއާޕޯޓްގެ ޒަރިއްޔާއިން މުޅި ބޮޑު ތިލަދުންމަތި ފަތުރުވެރިކަމުން ފުރިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެކަން މި ސަރުކާރުން ހާސިލް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ އެފަދަ ކޮންމެ މަޝްރޫއުއެއް ވެސް ފަށަން އުޅޭއިރު ފިތުނައިގެ ވާހަކަ ފެތެރެމުންދާނެ ކަމަށާއި ނަމަވެސް އެކަމާ އަޅާލާނެ ކަމެއް ނެތް ކަމަށެވެ. ރައީސްގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ފައިދާވާ ކަންކަން ކޮށް ދެއްވުން ކަމަށާއި އެކަމުގައި ދެމިހުންނަވާނެ ކަމަށެވެ. 

ފެރީގެ މަޝްރޫއުއާ ގުޅިގެން ކުޅުދުއްފުއްޓާއި މުޅި ތިލަދުންމަތީ ރައްޔިތުން އެއްބައިވެ ތިބުމަކީ އުފާ ކުރައްވާ ތަހުނިޔާ ކިޔާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.