އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށީ ސިޓީއާ ދެމެދު ފެރީގެ ނިޒާމަކުން ގުޅާލުމުގެ ވާހަކައަކީ އިއްޔެ ދެކެވެން ފެށި ވާހަކައެއް ނޫނެވެ. އެއީ މީގެ ނުވަ އަހަރު ކުރިން ކުޅުދުއްފުއްޓަށް ދެއްކި ހުވަފެނެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުއްޓަށް ގެންނަން ފެއްޓެވި ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއަކީ އެއީ އެވެ. 

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ސަރަހައްދީ ބަނދަރުގެ ހިންގުން ވަރުގަދަކޮށް އެތަނަކީ ހަގީގީ ޕޯޓަކަށް ހެދުމަށް އެ ސަރުކާރުން މަސައްކަތްތަކެއްކުރިއެވެ. އެގޮތުން ކުޅުދުއްފުށީ ޕޯޓަށް ހާއްސަ ކުންފުންޏެއް ވެސް ހެދިއެވެ. އެއަށްފަހު ފެރީގެ ހިދުމަތުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އޭގެ އަނެއް އަހަރު ވެރިކަން ވެއްޓުމާއެކު އެކަން ހުއްޓުނީއެވެ. 

މި ސަރުކާރު އައި ފަހުން އިންޑިއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، އިންޑިއާއިން ވެސް އެންމެ ބޮޑު ސަމާލު ކަމެއް ދޭން ފެށި މަޝްރޫއުއަކަށްވީ ކާގޯ ފެރީގެ މަޝްރޫއުއެވެ. އެކަން އަވަހަށް ފައްޓަވާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހާމަ ކުރެއްވިއެވެ. އެގޮތުގެ މަތިން ކުޅުދުއްފުއްޓާއި މުޅި އެ ސަރަހައްދު، ނުވަ އަހަރު ކުރިން ދެކެން ފެށި ހުވަފެނުގައި ހަގީގީ ކުލަ ޖެހުނެވެ. 

މިއަދު އެ ހުވަފެން ވަނީ ހަގީގަތަކަށްވެފައެވެ. ކުޅުދުއްފުށީ ޕޯޓްގެ ބޭރުގައި މިވަނީ އިންޑިއާގެ ކާގޯ ފެރީ ބަނދަރުކޮށްފައެވެ. 500 ޓަނުގެ ދެ ކޮންޓެއިނާގެ މުދާ އެ ވަނީ ކުޅުދުއްފުއްޓަށް ގެނެސްފައެވެ. އެ މުދާތައް ބޭލުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އަންނަ ހޯމަ ދުވަހަށް ކާގޯ ފެރީ މާލެ އަންނާނެއެވެ. 

މި ފެރީގެ ހިދުމަތް ކުޅުދުއްފުއްޓާއި އުތުރަށް މުހިންމުވަނީ އެތައް ސަބަބެއް އޮތުމުންނެވެ. އުތުރުގެ އަތޮޅުތައް އިގުތިސޯދީ ގޮތުން ކުރިއަރައި ސަރަހައްދީ އާ ޕްރޮޖެކްޓްތައް އައުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. މިކަމުގެ ފަސޭހަކަން މިހާރު ވެސް ކުޅުދުއްފުށީގެ ވިޔަފާރިވެރިން ވަނީ ފާހަގަކުރަން ފަށާފައެވެ. 

އެގޮތުން ކުޅުދުއްފުށީގައި ރެސްޓޯރެންޓް ވިޔަފާރިތަކެއް ހިންގާ މީހަކު ބުނި ގޮތުގައި ފެރީގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަމަޖެހުމުން މާލެއިން ތަކެތި ގެނައުމަށްވުރެ އަގުހެޔޮވެގެން ދާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ފިޔާއެވެ. ފިޔާއަކީ އެންމެ ގިނައިން އިންޑިއާއިން ގެންނަ އެއްޗަކަށްވާއިރު، މާލޭގެ ބަދަލުގައި ސީދާ ކުޅުދުއްފުއްޓަށް ފިޔާ ގެނެވޭ ގޮތް ވުމަކީ އެ ސަރަހައްދުގައި އޭގެ އަގު ހެޔޮވާނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. 

ކާގޯ ފެރީގައި ގެނެވޭނީ ދިވެހި ވިޔަފާރިވެރިން ގެންނަން ބޭނުންވާ މުދަލެވެ. އެހެންކަމުން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް އެމީހުން ބޭނުންވާ މުދާ ފެރީއަށް އިންޑިއާއިން އެރުވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. 

ކޮވިޑްއާއެކު ކުޅުދުއްފުއްޓަކީ އެތައް ބަޔަކު ބަރޯސާވާން ފަށާފައިވާ ސިޓީއަކަށް ވަނީ ވެފައެވެ. މިފަދަ ބޮޑު ބަދަލެއްގެ ކޮޅުމަތީގައި ރާއްޖެ އޮތްއިރު ކުޅުދުއްފުށީގެ ހިދުމަތްތައް ފުޅާވެ ރަނގަޅުވެގެން ދިޔުމަކީ ލިބޭނެ ބޮޑު ފައިދާއެކެވެ. ކުޅުދުއްފުށީ ޕޯޓަކީ އެތައް އަހަރެއްވީ ޕޯޓެއް ނަމަވެސް އޭގެ ފައިދާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ނުވަނީ ސިޔާސަތުތައް އޮތް ގޮތުންނެވެ. 

އޭގެ ބަދަލުގައި އިގްތިސޯދީ ގޮތުން ވެސް މުޅިން މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނައްތާލައި ސީދާ ސަރަހައްދަށް އިގްތިސޯދީ ބާރުވެރިކަން ލިބުމަކީ ކޮންމެ ބަޔަކު ވެސް އަބަދުމެ ދެކޭނެ މުހިންމު ހުވަފެނެކެވެ. ކާގޯ ފެރީއާއެކު އެކަން ވެސް ހާސިލްވުމުގެ މަގުފަހިވެގެންދާނެއެވެ. އެހެންވީއިރު މި ފެރީއަކީ މުސްތަގުބަލަށް ހުޅުވާލި ވަރަށް ފުޅާ ދޮރެއް ކަމުގައި ވެގެންދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *