މަސްވެރިންނަށް ދޫނުކުރެވި ހުރި ހުރިހާ ފައިސާއެއް ދޫކޮށް ހަލާސްކޮށްފި ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި އޮގަސްޓް 17 އިން ސެޕްޓެމްބަރު 15 އާ ހަމައަށް މަސްކިރުވާފައި ފައިސާ ނުދެވިހުރި ހުރިހާ ބިލްތަކަށް މިހާރު ވާނީ ފައިސާ ދީފައެވެ. މި މަހުގެ 20 ވަނަ ދުވަހު މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ޖަޒީރާ ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، އޮގަސްޓް 17 އިން ސެޕްޓެމްބަރ 15 އާ ހަމައަށް ދައްކަން ޖެހިފައި ހުރީ 82 މިލިއަން ރުފިޔާ ކަމަށެވެ.

މަސްވެރިންނަށާއި ދޯނިފަހަރަށް ފައިސާ ދޫކުރަމުންދަނީ އޮންލައިން ޓްރާންސްފަ މެދުވެރިކޮށް ކަމަށްވެސް އެމްޑީ އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ފައިސާ ދޫކުރުމަށް ފަސޭހަ ވެގެންދާނެކަމަށް ބެލެވެއެވެ.

އޮގަސްޓް މަހު މިފްކޯއިން ފައިސާ ދޫކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މަސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދަތިތަކާ ކުރިމަތިވީ ކޮވިޑްގެ ސަބަބުންކަމަށް މިފްކޯއިން ވަނީ އޭރު ބުނެފައެވެ. އެގޮތުން މަހަށް އޮތް ޑިމާންޑް ދުނިޔޭގެ ބާޒާރުގައި ވެއްޓި، މިފްކޯއިން އެކްސްޕޯޓް ކުރަމުން ދިޔައީ ގަންނަ އަގަށްވުރެ ކުޑަ އަގެއްގައިކަމަށްވެސް އޭރު ވަނީ މައުލޫމާތުދީފައެވެ. މިކަމާ ގުޅިގެން މަސް ގަންނަ އަގު ކޮންޓްރޯލްކޮށްފައި އޮތް އޮތުން ހުއްޓާލުމަށް މަސްވެރިން ދިޔައީ ބުނަމުންނެވެ. މިހާރު މަސް ގަންނަ އަގު ކޮންޓްރޯލް ކުރުން ސަރުކާރުން ވަނީ ހުއްޓާލާފައެވެ.

މިފްކޯއިން ވަނީ ކުރިއަށް އޮތްތާގައި މަސްވެރިންނަށް ފައިސާ ބަރާބަރަށް ދޫކުރެވޭނޭ ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *