ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އައިޔޫއެމްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ބްރޯޑްކޮމްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

މި ފަހުމުނާމާގެ ދަށުން ބްރޯޑްކޮމް އާއި އައިޔޫއެމް ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދުތަކަކީ، ދިވެހި ނޫސްވެރީންނަކީ ބްރޯޑްކާސްޓް ނޫސްވެރިކަމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ހަމަތަކަށް އަދި ސުލޫކީ މިންގަނޑަށް އަހުލުވެރި، ޤާބިލު ބައެއް ކަމުގައި ހެދުމާއި، މި ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފެންވަރު މަތިކޮށް، ނޫސްވެރިންނަކީ ޤާބިލް އަދި ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއަށް ނޫސްވެރިން އަހުލުވެރިކުރުވުން ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.

އިސްލާމީ އުޞޫލުތަކަށާއި ދިވެހި ޤައުމިއްޔަތަށާއި ދިވެހިބަހަށް ނޫސްވެރިން އަހުލުވެރިކުރުވުމާއި، ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދޭނެ ޒިންމާދާރު ނޫސްވެރީން އުފެއްދުމާއި، މީޑިއާގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި، އިލްމީ ދިރާސާތައްކޮށް ނޫސްވެރިކަމުގެ ވެށި ކުރިއެރުވުމުގެ އިތުރުން ނޫސްވެރިންގެ ގަދަރު މަތިކޮށް މުޖުތަމައުގެ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްދިނުމަށް ދެ ފަރާތް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް އަމާޒު ކަނޑައަޅާފައިވާ ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ. މިއީ ތިން އަހަރު ދުވަހުގެ މުއްދަތަށް ވެވުނު ފަހުމުނާމާއެކެވެ. 

މި ރަސްމިއްޔާތުގައި ބްރޯޑްކޮމްގެ ކޮމިޝަނަރުންނާއި އައިޔޫއެމްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *