ޚަބަރު
ނައިބު ރައީސް ދިވެހި ދަރިވަރުން ގާތަށް: ބީއެމްއެލްގެ ލިމިޓް އުވާލުމަށް ބޮޑު ޔަގީންކަމެއް ދެއްވި!
ނައިބު ރައީސް ހުސައިން މުހައްމަދު ޗައިނާގައި ކިޔަވާ ދިވެހި ދަރިވަރުންނާއެކު --- ފޮޓޯ/ ރައީސް އޮފީސް

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައި، ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ދިވެހި ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަންމަންޓް ސްކޮލަރޝިޕްގެ ދަށުން ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރަށް ފާހަގަކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަޔާންކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުންވެސް ވަނީ އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަމާލުކަމެއް ދެއްވައިގެން މިހާރުވެސް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވެ، އެމައްސަލައަށް ކައިރި މުސްތަގުބަލެއްގައި އަވަސް ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ދަތުރުފުޅަކީ، “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން”ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top