މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ދާއިރާތަކުގެ އިންތިހާބު 2021 ގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފަހު ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ ހޮނިހިރު ދުވަހުގެރޭ މެންދަމު 12:00 ކަމަށެވެ.

ޕާޓީން ބުނީ މި ފުރުސަތަކީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކުރުމުގެ ކުރިން ދެވޭ އެންމެ ފަހު ފުރުސަތު ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފުމަށް ޕާޓީން އެދިފައިވެއެވެ.

އެމްޑީޕީން ވަނީ އޮންލައިންކޮށް ވޯޓުލާ މީހުންގެ ލިސްޓާއި ބެހޭ ޝަކުވާ ހުށަހެޅުއްވުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

ޝަކުވާތަކަށްފަހު ފައިނަލް ލިސްޓު އާންމުކުރުމަށް ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

އެމްޑީޕީން ވަނީ އެމްޑީޕީ މެމްބަރެއްކަންވެސް އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. އޭގެއިތުރަށް އެސްއެމްއެސް މެދުވެރިކޮށްވެސް ބަލާލެވެކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ 18 މެއި 2021، (އަންގާރަ ދުވަހު  ވޯޓު ލެވޭ މެންބަރުންގެ ފައިނަލް ލިސްޓު އާންމުކުރާނެ ކަމަށެވެ. އެ ޕާޓީން ބުނިގޮތުގައި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 93،354 މެމްބަރުންނަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލުން އޮންނާނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައެވެ.

މި އިންތިހާބުގައި ވޯޓުލާނީ ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރުމަށެވެ. އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން،  ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ. ހަމައެއާއެކު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކެރެޓަރީންނާއި ނައިބުންގެ އިތުރުުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިހާބުގައި ހޮވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.