ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މާލިއްޔަތު ގަވައިދުގައި ހުރި ކަންކަން އިސްލާހު ކުރައްވަމުން ގެންދަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް މާލިއްޔަތު ގަވައިދުގެ މާއްދާ އުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިއްޔެ އެދިފައިވަނިކޮށެވެ. 


އެ ގަވައިދުގެ 10.27 ވަނަ މާއްދާގައިވާ ގޮތުން ބީލަމަށް ހުޅުވާ ނުލައި މަޝްރޫއުތައް ހިންގުމަށް ހަވާލުކުރެވިދާނެއެވެ. އެ މާއްދާ ގަވައިދުގައި ހިމެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. މާއްދާގައި މިހާރު އޮންނަ ގޮތުން ސަރުކާރުން ކަނޑައަޅާ ވަކި އަދަދަކަށްވުރެ މަޝްރޫއުގެ އަގު ބޮޑެތި މަޝްރޫއުތައް ބިޑްކުރުމަކާ ނުލައި އަދި ޓެންޑަ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި ކެބިނެޓްގެ އިގްތިސާދީ ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ހަވާލުކުރެވިދާނެ ކަމަށެވެ.

އެ މާއްދާއަށް ރިއާޔަތްކޮށް އޭރު ދަރުމަވަންތަ ހޮސްޕިޓަލާއި ނަސުންދުރާ މަޝްރޫއު ބަޔަކާ ހަވާލުކުރިއެވެ.

އެ މާއްދާ ހިމެނުމާއެކު މިހާރު ސަރުކާރުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އެކަމާ ފާޑުވިދާޅުވިއެވެ. އެއީ ކޮރަޕްޝަނަށް ހުޅުވާ ބޮޑު ދޮރެއް ކަމަށް އޭރު ވިދާޅުވިއެވެ. އޭސީސީގައި މީގެކުރިން ތިއްބެވި މެންބަރުން ވެސް އެ މާއްދާ އުވާލުމަށް އެދުނެވެ.

އަނެއްކާވެސް އިއްޔެ ވަނީ އޭސީސީއިން އެ މާއްދާ އުވާލުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ. އެގޮތަށް އެދިފައިވަނީ މިހާރު ބަލަމުންދާ މައްސަލަތަކުން އެ މާއްދާ އެހެން އޮތުމުން ކަންބޮޑުވުންތަކެއް ފާހަގަ ކުރެވިފައިވާތީއެވެ. މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އޮތް ގޮތުން ކޮރަޕްޝަނަށް މަގުފަހިވެ، ހާމަކަން ކުޑަވެ، ބީލަމުގެ ވާދަވެރިކަން ގެއްލިގެންދާ ކަމަށް ކޮމިޝަނުން ދެކޭ ކަމަށް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި ފިނޭންސް މިނިސްޓަރު އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަންއަށް ހުރި ހިރާސްތައް ކުޑަކުރަން މާލިއްޔަތު ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާ އާއި ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ކުރިން އޮތް މާއްދާ މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.  

މިނިސްޓަރު އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީއިން އިސްނަގައިގެން އެޓާނީ ޖެނަރަލް، އޮޑިޓާ ޖެނަރަލް އަދި އޭސީސީ ވެސް ހިމެނޭ ގޮތަށް ކޮމިޓީއެއް ހެދި، އެ ކޮމިޓީގެ އެންޑޯސްމެންޓާއެކު މިހާރު ގަވައިދު ބަދަލުކޮށް އެގޮތަށް އިސްލާހުކޮށް ގެޒެޓްކުރަން ފޮނުވާފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.