ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކަށް އެމްޑީޕީ މެމްބަރުންގެ ހިޔާލު ހޯދުމަށް އެ ޕާޓީއިން ހުޅުވާލައިފިއެވެ. މި ގާނޫނަށް އީސީއިން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީއިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެއެވެ. މި އިސްލާހުތަކާއެކު، ސިޔާސީ ޕާޓީތަކުން ކޮންމެ 5 އަހަރަކުން ބާއްވަން އޮންނަ ކޮންގްރެސް އެ މުއްދަތުގައި ނުބާއްވައިފިނަމަ ސަސްޕެންޑްކުރެވޭނެއެވެ. ސަސްޕެންޑް ކުރުމަށްފަހު ދެވޭ މުއްދަތުގައި ސިޔާސީ ހަރަކާތްތައް ބޭއްވުން މަނާކުރެވޭނެއެވެ. މުއްދަތު ހަމަވުމުގެ ކުރިން ކޮންގްރެސް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުގެ މައްޗައް ލާޒިމުކަމެކެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަކީ އީސީއިން ބަލަހައްޓާ އެއްޗެއް ކަމަށް ކަނޑައެޅުމަށް ނިންމާފައިވަނީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށްޓަކައެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުން ދެވޭ ފައިސާއަކީ ދައުލަތުގެ އާމްދަނީގެ 0.1 އިންސައްތައަށް ހެދުމަށްވެސް އިސްލާހު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތަކީ ދައުލަތުގެ ބަޖެޓުގެ 0.1 އާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމެވެ. މި ގެނެވޭ ބަދަލާއެކު ސިޔާސީ ޕާޓީތަކައް ދޫކުރެވޭ އަދަދު ކުޑަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއިން ވަނީ މި އިސްލާހުތަކަށް ހިޔާލު ހޯދުމަށް އެޕާޓީގެ އާއްމު މެމްބަރުންނަށް ހުޅުވާލާފައެވެ. އެގޮތުން ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ނިޔަލަށް ހިޔާލުތައް އެޕާޓީގެ އީމެއިލްއަށް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *