ރާއްޖޭގެ އުތުރުގައު ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ތައްޔާރުކުރުމުގެ މަސައްކަތް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) އިން ފަށައިފިއެވެ.   

އޭ.އޭ.އައި ގެ އިސް ލެވެލްތަކުގެ ބޭފުޅުން ހިމެނޭ ޑެލިގޭޝަންއެއް މި ހަފްތާގައި ވަނީ ރާއްޖެއަށް ދަތުރެއް ކޮށްފައެވެ. މި ޑެލިގޭޝަން ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް އެފެއާޒް ފައްޔާޒް އިސްމާއިލް އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން އުތުރުގެ ރަށްތައް ތަމްސީލުކުރައްވާ މަޖްލިސް މެމްބަރުންނާވެސް މި މަޝްރޫއު އާއި ގުޅިގެން ބައްދަލުކުރައްވާފައެވެ. 

ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން، އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން.އޮފް.ކްރެޑިޓް ގެ ދަށުން ފަންޑް ކުރަން ނިންމާފައެވެ. މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ގެ މަސައްކަތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެއެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަދި އެގްޒިމް ބޭންކް ގުޅިގެން މި މަޝްރޫއު ގެ އީޕީސީ ކޮންޓްރެކްޓަރ ހޮވުމަށްޓަކައި ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރެވޭނެއެވެ. މި މަޝްރޫއުގެ ފައިނަލް ޓެންޑަރިން ގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންނެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ކުރީކޮޅު ފެށޭނެކަމަށް ލަފާކުރެވެއެވެ. 

އިންޑިއާގެ އެލްއޯސީ ގެ ދަށުން އިންޑިއާއިން ފޯރުކޮށްދޭ އެހީ ބިނާވެފައިވަނީ ޓްރާންސްޕޭރެންސީ، ޕާޓްނާޝިޕް ގެ އުސޫލުތަކުގެ މައްޗަށެވެ. އަދި ލައިން އޮފް ކްރެޑިޓްގެ ޓާމްސް އަދި ކޮންޑިޝަންތައް އާންމުކޮށް ފެންނަހެން ވާނީ ހާމަކޮށްފަވެ. އޯޕަން ޓެންޑަރިން ޕްރޮސެސްގެ މަސައްކަތް ކުރިއަށް ދާނީ ދިވެހި ސަރުކާރާއި އެގްޒިމް ބޭންކްގެ މެދުގައި ކުރެވޭ ޖޮއިންޓް ކޮންސަލްޓޭޝަންތަކުގެ ތެރެއިންނެވެ. ފައިނަލް ޓެންޑަރިން މަރުހަލާ ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ. އެގްޒިމް ބޭންކްގެ ގައިޑްލައިންތަކުގައި ވާ ފަދައިން މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއިއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަސައްކަތްތައް ކުރެވޭނެ ގާބިލުކަން އުފެއްދުމުގެ ގޮތުން، މަޝްރޫއުތަކުގައި ބައިވެރިވާ ލޯކަލް ކޮމްޕެނީތަކާއި މަސައްކަތްތެރިންގެ ކެޕޭސިޓީ އިތުރުކުރުމަށް އަހަންމިއްޔަތު ދެވޭނެއެވެ. 

އިންޑިއާގެ 800 މިލިއަން ޑޯލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އުމްރާނީ ތަރައްގީގެ 7 ބޮޑެތި މަޝްރޫއު އެބަ ހިންގެއެވެ. މީގެ ތެރޭގައި؛

(ހ) 34 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު 

(ށ) އައްޑޫ މަގުތައް ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު 

(ނ) ގުޅީފަޅު ބަނދަރު މަޝްރޫއު 

(ރ) މިފްކޯގެ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަޝްރޫއު 

(ބ) ހުޅުމާލޭގައި ބިނާ ކުރެވޭ ކްރިކެޓް ދަނޑު 

(ޅ) ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު 

(ކ) ހުޅުމާލޭގައި ބިނާ ކުރެވޭ ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއު  

މީގެ އިތުރުން، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލެވޭ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު (ޖީ.އެމް.ސީ.ޕީ) އަށް ޓަކައި 400 މިލިއަން ޑޮލަރުގެ އިތުރު ލައިން އޮފް ކްރެޑިޓަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެއް ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރެއިން އުމްރާނީ ތަރައްގީގެ ބޮޑެތި 5 މަޝްރޫއު 2020 ގެ ނޮވެމްބަރ-ޑިސެމްބަރ ހިސާބުގައި ފެށޭނެކަމަށް ލަފާކުރެވެއެވެ.

ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރެވި (އޭ320 އަދި ބޮއިންގް 737 މަރުކާގެ އުޅަންދުތަށް ލޭންޑް ކުރެވޭނެހެން)، ޓާމިނަލްތަކާއި، ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަން އާއި ކާގޯ ޓާމިނަލް އަޕްގްރޭޑް ކުރެވޭނެއެވެ. 

މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ އިންޖީނަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ލޯކަލް އަދި ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެއެވެ. އިއްޔެ އިފްތިތާހު ކުރެވުނު ކާގޯ ފެރީ ސާވިސް އަދި ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދު ބާރުވެރި ކުރުވާ ކުރިއެރުވުމަށްޓަކައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ ދެ އިނީޝިއޭޓިވްއެކެވެ. ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ފެށުމަކީ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އާއި ރައީސް އިބޫ ސޯލިހްގެ އިސްނެންގެވުމުގެ ދަށުން އުފެދުނު އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' އަދި ރާއްޖޭގެ 'އިންޑިއާ ފަސްޓް' ޕޮލިސީގެ ސަބަބުން ދެގައުމުގެ ރައްޔިތުންނަށް ލިބެމުންދާ ފައިދާތަކުގެ މިސާލެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.