2060 ވަނަ އަހަރު އައުމުގެ ކުރިން ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ ޗައިނާއިން އަމާޒު ހިފައިފިއެވެ. 

މިކަން އިއުލާންކުރެއްވީ އެގައުމުގެ ރައީސް ޒީ ޖިންގ ޕިންގ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ އާއްމު މަޖިިލީހަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ. ދުނިޔޭގެ ޖައްވަށް އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ބޭރުކުރާ ގައުމަކީ ޗައިނާއެވެ. އެގޮތުން އަހަރެއްގެ މައްޗަށް ދޫކުރާ ކާބަންގެ 28 އިންސައްތައަކީ ޗައިނާއިން ބޭރުކުރާ ގޭހެވެ. 

ރައީސް ޒީގެ މި ނިންމެވުމަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރު ބާއްވަން ހަމަޖެހިފައި އޮތް ކޮޕް26 ބައްދަލުވުން ކޮވިޑް 19 އާ ގުޅިގެން އަންނަ އަހަރަށް ފަސްކުރުމާއެކު އދ. ގެ ވާޗުއަލް އާއްމު ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ވާހަކަ ދެއްކުން މަދުވެގެންދާނެ ކަމަށް ބެލެވުނެވެ. 

ކޮވިޑް 19 އާ ޗައިނާއިން ހަނގުރާމަކުރަމުންދިޔައިރު ޖައްވަށް އެގައުމުން ބޭރުކުރާ ގޭސް 25 އިންސައްތަ ދަށްވިއެވެ. އެހެން ނަމަވެސް ބަލި ކޮންޓްރޯލްކޮށް އިގްތިޞާދު ހިނގައިގަތުމާއެކު ކުރިން ހުރި ވަރަށް މި އަދަދުތައް އިޔާދަވިއެވެ. 

ބޭރުގެ އޮބްޒާވަރުން ގަބޫލުކުރާ ގޮތުގައި މިއީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ގެންގުޅުއްވާ ދޯހަޅި ސިޔާސަތުގެ ބޭނުން ހިފުމަށް ޗައިނާއިން ނިންމި ނިންމުމެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *