ކޮވިޑް 19 އާ ގުޅިގެން އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ. 

ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ޚާއްޞަ އުޞޫލުތައް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ މި ބިލަކީ، މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީއެވެ. 

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން، ޟަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުޞޫލުތައް ހިމަނާފައިވެއެވެ.

ހަމައެއާއިއެކު، ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ޚާއްޞަ ޗުއްޓީ ހަމަޖައްސައިދިނުމާއި، ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުގެނައުން ހުއްދަނުވާނެ ކަމުގައި ކަނޑައެޅުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ. މީގެ އިތުރުން، ކޯވިޑާއި ގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި އެކަށައަޅަންޖެހޭ ޚާއްޞަ އުޞޫލުތައް އެކަށައެޅުން ވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މި ބިލު ޤާނޫނަކަށްވުމަށްފަހު، ޢަމަލުކުރުމަށް ހަމަޖެހިފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ނުވަތަ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ ފަސްދޮޅަސް ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ. މި ގާނޫނު ގެޒެޓު ކުރެވި މިހާރު ވަނީ އަމަލުކުރަން ފެށިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.