ނައިޓަށް ދެވޭގޮތަށް އަދި މިނިމަމް ވޭޖް ކަނޑައަޅުމަށް ވަޒީފާއާއިބެހޭ ގާނޫނަށް ގެނައި ހަވަނަ އިސްލާހުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ނައިޓަށް ދެވޭ އިސްލާހަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހަޅައި 61 މެންބަރުންގެ ވޯޓުން ފާސްވި އިސްލާހެކެވެ. އިސްލާހުގައިވާ ގޮތުން މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވެއެވެ. އެއީ ރިސޯޓެއްނަމަ އެ ރަށެއް ދޫކޮށް ދިޔުމުގެ ހައްގެވެ. ނޫންނަމަ ވަޒީފާ އަދާ ކުރާ ސައިޓެއް ނޫނީ އުޅަނދެކެވެ.

އެފަދަ ތަނެއްގައި މަސައްކަތުގެ ގަޑި ނިމުމުން ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެއެވެ. މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސްވެއެވެ. އަދި، ތަނުން ދިޔުމަށް މުވައްޒަފަށް އުޅަނދެއް ބޭނުންވާނަމަ، އެ އުޅަނދެއް ވަޒީފާ އަދާ ކުރާ ތަނާ ކައިރިކުރުން މަނާކޮށްގެން ނުވާނެ ކަމަށް ވެސް އިސްލާހުގައި ހިމަނާފައިވެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ އިސްލާހަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި އިސްލާހެކެވެ. އިސްލާހުގައި އެންމެ ކުޑަ އުޖޫރަ 9 ދާއިރާއަކުން ކަނޑައަޅަން ވާނޭ ކަމަށް ވަނީ ހިމަނާފައެވެ. އެއީ، މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން، ކޮންސްޓަރަކްޝަން، ދަތުރުފަތުރު، ސިއްހީ، ތައުލީމީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ، އަދި މެރިޓައިމްއެވެ.

މި ދާއިރާތަކުގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރުން ނެރޭ އަމުރަކުންނެވެ. ވޭޖް ބޯޑަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭގޮތައް ގާނޫނުން ބޮޑެތި ބާރުތަކެއް ދީގެން އުފައްދާ ބޯޑެކެވެ. 11 މެންބަރުންގެ ތެރޭގައި ހިމެނެނީ އިކޮނޮމިކް މިނިސްޓަރު ކަނޑައަޅާ ޗެއާޕަރސަން، ފިނޭންސް މިނިސްޓަރު ހުށަހަޅާ 4 ފަރާތް، ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ 1 މެންބަރު، އަދި މަސައްކަތްތެރިން ތަމްސީލުކުރާ 5 މެންބަރުންނެވެ.

ގާނޫނުގައި ވާގޮތުން، ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކަށާއި، އިގްތިސާދީ ކުރިއެރުމަށާއި، ގައުމުގެ ފުދުންތެރިކަމަށް އިސްކަން ދޭންވާނެއެވެ. މިގޮތުން ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ 2021 ވަނަ އަހަރު ނިމުމުގެ ކުރިން އިއުލާންކުރެވި އަމަލު ކުރެވެން ފަށަންވާނެއެވެ.

މީގެ އިތުރުންވެސް ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި، ވަޒީފާ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒިފުންނާއި ހަވާލުކުރުން ލާޒިމްކުރުމާއި، ވިދި ވިދިގެން ދެ ދުވަސް ނުވާނޭ ގޮތަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލާ 15 ދުވަހުގެ ޗުއްޓީ ލިބުން ހިމެނެއެވެ. އަދިވެސް 10 އިންސައްތައަށްވުރެ މަދުނޫން އަދަދަކުން ސަރވިސްޗާޖް ނެގުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ވިޔަފާރިތަކަށް މަޖުބޫރުކޮށް، އެ ފައިސާ މުވައްޒިފުންގެ މެދުގައި ބެހުމަށް ލާޒިމުކޮށްފައިވެއެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއިއެކު، އިސްލާހުގެ 12 ވަނަ މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *