ރޯމާގެ ކޯޗުކަމަށް ކުރިޔަށް އޮތް ސީޒަނަށް ގެންނަ ހޯޒޭ މޮރީނިއޯ - ފޮޓޯ: ޓުވިޓަރ

އަންނަ ސީޒަނުން ފެށިގެން އޭއެސް ރޯމާގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފިއެވެ.

ރޯމާގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ، ކުރިޔަށް އޮތް ސީޒަނުން ފެށިގެން އެޓީމުގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސާފައިވާ ކަމަށާއި، އޭނާ ޓީމާ ހަވާލުވާނީ އަންނަ ސީޒަނާ ދިމާކޮށް ކަމަށެވެ.

މޮރީނިއޯ ބުނީ، ރޯމާގެ ވެރިންނާ ދެކެވުނު ވާހަކަތަކުން އެ ކްލަބަކީ ވަރަށް އުންމީދީ ކްލަބެއްކަން އެނގިގެންދިޔަ ކަމަށެވެ. އަދި ކޯޗުކަމުގެ ވަޒީފާއާ ހަވާލުވާން އެންމެ ފަސޭހަވީ ރޯމާގެ ސަޕޯޓަރުން އެ ކްލަބަށް އޮންނަ އާދަޔާ ހިލާފު ޝައުގުވެރިކަމާއެކު ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނުން ފެށިގެން ރޯމާގެ ކޯޗުކަން މޮރީނިއޯ ހަވާލުކުރަން ނިންމީ، މި ސީޒަނަށްފަހު އެ ކްލަބުގެ ކޯޗުކަމުން ޕައުލޯ ފޮންސެކާ ވަކިވާން ނިންމުމާއެކުގައެވެ.

އަންގާރަ ދުވަހު ރޯމާއިން ނެރުނު ބަޔާނެއްގައި ބުނީ، އެއްބަސްވުން އާނުކޮށް މި ސީޒަނަށްފަހު ފޮންސެކާ އެ ކްލަބުގެ ކޯޗުކަމުން ވަކިވާނެ ކަމަށާއި، ފާއިތުވެދިޔަ ދެ އަހަރު އޭނާ ކޮށްދީފައިވާ ބުރަ މަސައްކަތަށް ކްލަބުގެ ހުރިހާ އެންމެން ނަމުގައި ޝުކުރު އަދާ ކުރާ ކަމަށެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގައި ރޯމާއަށް ބާކީ ހަތަރު މެޗު އޮތް އިރު، އެޓީމު އޮތީ 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ. އެޓީމު ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން 16 މެޗުން މޮޅުވެފައިވާއިރު، 11 މެޗުން ވަނީ ބަލިވެފައެވެ. ބާކީ ހަތް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.