އިންޑިއާ އާ ރާއްޖެއާ ދެމެދު އިފްތިތާހުކޮށްފައިވާ ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. 

މި ފެރީއާއެކު ދިވެހި ވިޔަފާރިވެރިންނަށް ވާނީ ގެއްލުން ކަމަށް ބުނެ ރިޕޯޓްކޮށްފައިވާ ހަބަރަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ފައްޔާޒް ވިދާޅުވީ މި ފެރީއިން ރާއްޖެއަށް ގެންނާނީ އިމްޕޯޓްކުރާ މުދާ ކަމަށާއި އިތުރު އެހެން އެއްވެސް އެއްޗެއް ރާއްޖެއަށް ނުގެންނާނެ ކަމަށެވެ. އަދި މި ފެރީއާއެކު ރާއްޖެ އަދި އިންޑިއާ އާ ދެމެދު މުދާ އުފުލުމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށާއި މިހާރު ރާއްޖެއަށް އޮޕަރޭޓްކުރާ ކާގޯ އުޅަނދުތަކާއި މި ފެރީއާ ހުރި ހަމައެކަނި ތަފާތަކީ މި ފެރީއަކީ ޝެޑިއުލް ކުރެވިގެން ބޭއްވޭ ފެރީއަކަށްވުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިއާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. 

ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާ (އެސްސީއައި) އިން އޮޕަރޭޓް ކުރާ ކާގޯ ފެރީ އުޅަނދު އެމްސީޕީ ލިންޒް ހދ. ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރުގައެވެ. އަދި މާލޭގައި 28 ސެޕްޓެމްބަރުގައި ބަނދަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ފެރީ ވަނީ މިހާރު ޓުޓިކުރިން އިން ކޮޗިން އަށް މިސްރާބުޖަހާފައެވެ. މި އުޅަނދަށް 380 ޓީއީޔޫ އަދި 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ އުފުލޭނެއެވެ.

އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ކާގޯ ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށުމުގެ ހިޔާލު ގެންގުޅޭކަން އިއުލާންކުރީ އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ ޖޫން 2019 ވަނަ އަހަރު ރާއްޖެއަށް ކުރި ރަސްމީ ދަތުރުފުޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.