ޔޫރޯ 2016 ގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަށި އުފުލާލަނީ - ފޮޓޯ: ގެޓީ

ޔޫރޯ 2021 ގައި ބައިވެރިވާ ޓީމުތަކަށް ސްކޮޑުގައި 26 ކުޅުންތެރިން ހިމެނޭނެ ކަމަށް ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދަރާ ޔުއެފާ އިން ކަނޑައަޅައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން 12 އިން ޖުލައި 12 ގެ ނިޔަލަށް ބާއްވަން ކުރިން ތާވަލުކުރި ޔޫރޯ މުބާރާތް މި އަހަރަށް ފަސްކުރަން ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔޭގައި ފެތުރެމުންދިޔުމާ ގުޅިގެންނެވެ.

ކޮވިޑާ ގުޅިގެން މުބާރާތަށް ގެންނަން ޔުއެފާ އިން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި މެޗެއްގައި ފަސް ބަދަލު ގެނެވޭ އުސޫލެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި އުސޫލުގެ ދަށުން މެޗުގައި ތިން ކުޅުންތެރިން ބަދަލު ކުރެވޭއިރު، އެކްސްޓްރާ ޓައިމްގެ ކޮންމެ ހާފެއްގައި އިތުރު އެއް ކުޅުންތެރިޔަކު ބަދަލު ކުރަން ފުރުސަތު ލިބޭނެއެވެ.

މި އަހަރުގެ ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 11 ގެ ނިޔަލަށް ބާއްވާ ޔޫރޯ މުބާރާތުގައި ޖުމްލަ 24 ގައުމަކުން ވާދަކުރާއިރު، އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ޔޫރަޕްގެ 11 ގައުމެއްގައެވެ.

މިފަހަރުގެ މުބާރާތަށް ކޮލިފައިވެފައިވަނީ އޮސްޓްރިއާ، ބެލްޖިއަމް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ޑެންމާކް، އިންގްލޭންޑް، ފިންލޭންޑް، ފްރާންސް، ޖާމަނީ، ހަންގޭރީ، އިޓަލީ، ނެދަލޭންޑްސް، ނޯތު މެސެޑޯނިއާ، ޕޮލެންޑް، ޕޯޗުގަލް، ރަޝިއާ، ސްކޮޓްލޭންޑް، ސްލޮވޭކިއާ، ސްޕެއިން، ސްވިޒަލޭންޑް، ތުރުކީ، ޔޫކްރޭން, ސްވިޑެން އަދި ވޭލްސްއެވެ.

މުބާރާތަށް ކޮލިފައިވި 24 ގައުމު ހަ ގްރޫޕަކަށް ބަހާލާފައިވާއިރު، ތިން ގްރޫޕަކުން ދެ ޓީމަކަށް އަދި ދެ ގްރޫޕުން އެއް ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ދީފައެވެ.

ޗެމްޕިއަން ޓިމަށް 10 މިލިއަން ޔޫރޯ ލިބޭ މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.