ރިޕޯޓް

މި ރޯދަމުގެ ކަރަންޓް ބިލް %30 ބޮޑުވާނެ، އިޤްތިސާދުކުރުމަށް އެދިއްޖެ

ކޮންމެ އަހަރެއްގެ ހޫނު މޫސުމާއި ދިމާކޮށް، އާންމުގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ ކަރަންޓް ބިލް ބޮޑުވާކަމުގެ ޝަކުވާތެކެވެ. ބިލް ދެ ގުނަ ބޮޑުވެއްޖެކަމަށް ބުނެ، އެކަމަކީ ހިދުމަތްދޭ ކުންފުނިން ގަސްދުގައި ފައިސާ ހޯދުމުގެ ބޭނުމުގައިކުރާކަމެއްކަމަށްވެސް ތުހުމަތުކުރެ އެވެ.

ފަހަރުގައި އެ ތުހުމަތުގެ އިނގިލި ކުންފުންޏަށް ދިއްކުރެވެނީ ކަންކަން އެންމެ ރަނގަޅަށް ސާފުނުވާތީކަމަށް ވެދާނެ އެވެ. ނުވަތަ ބިލް ބޮޑުވުމުގައި އަމިއްލަ ފަރުވާކުޑަކަމެއްވާކަމެއްވާކަން ގަބޫލުކުރަން ބޭނުން ނުވެ، އެކަމުގެ ބަދުނާމު އެހެން ފަރާތެއްގެ މައްޗަށް އެޅުވުމަށްކުރާކަމަކަށްވެސް ވެދާނެ އެވެ. އެހެނީ ކަރަންޓު ބިލް ދެގުނަ އަދި އެޔަށްވުރެ ބޮޑުވުމުގައިވެސް އަމިއްލަ އިހުމާލުތަކެއްވާތީ އެވެ. ކޮށްލެވޭ ހަމަ އެންމެ ކުޑަކަމެއްގެ އަސަރުވެސް އެ ބިލްގެ މައްޗަށް ހިނގާކަން ވިސްނާނުލެވި ކުރެވޭކަމަކުންވެސް، ނުވަތަ ފަރުވާކުޑަކޮށް ދޫކޮށްލެވޭ ދޫކޮށްލެވުމަކުންވެސް ބިލް ބޮޑުވެދާނެ އެވެ.

ރާއްޖޭގެ މޫސުންތަކުގެ ތެރެއިން ހޫނު މޫސުމަކީ، ފިސާރި ހޫނު ގަދަ ދުވަސްވަރެކެވެ. މެންދުުރުގެ ވަގުތުގައި ބޭރަށް ނިކުތުމަށްފަހު، ގެޔަށް ވަންނަކަމުގައިވާނަމަ ހަމައެކަނި ފަންކާއިން ފުއްދައެއް ނުލެވޭނެ އެވެ. ތަލި ހިއްކުވައިގެންފައިވާ މިންވަރުން ވަރަށް ފިނިފެން ނޫނީ ބޭނުމެއް ނުވާނެ އެވެ. ކޮޓަރީގައި ހުންނަ ހޫނުކަން ބަދަލުކުރުމަށް ސައުވީސް ގަޑިއިރު އެއަރ ކޮންޑިޝަން އެންމެ ފުލްކޮށް ބަހައްޓާ ދޫކޮށްލެވެ އެވެ. ދެބަސްނުވެވޭނެ ހަޤީޤަތަކީ ހޫނު މޫސުމުގައި ކަރަންޓަށް ދިވެހިން ބަރޯސާވާ މިންވަރުވެސް ދެ ގުނައަށް އިތުރުވާކަމެވެ. އޭގެއިތުރަށްވެސް ހަމަކޮށްލެވޭ ކުޑަކަމެއްގެ ސަބަބުން ބިލަށް ލުއިވެ، ބިލަށް ބަރުވެދެ އެވެ.

ސްޓެލްކޯޓުގެ މުވައްޒިފަކު މަސައްކަތުގައި -- ފޮޓޯ: ސްޓެލްކޯ

ރާއްޖެއަށް، ހާއްސަކޮށް މާލެ ސަރަހައްދަށް މިއަހަރުގެ ރަމަޟާން މަހަކީ، ހޫނު ގަދަ މަހެކެވެ. ހޫނު ގަދަވުމުގެ އިތުރަށް، ރަމަޟާން މަހަކީ ދިވެހިންގެ އެތަކެއް އާދަތަކެއް ބަދަލުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކުރުވާ މަހެކެވެ.

ކަރަންޓުގެ ހިދުމަތްދޭ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނިގޮތުގައި މިހިނގާ ރަމަޟާންމަހު ކަރަންޓް އުފެއްދުނު ނިސްބަަތް އާންމުކޮށް ފާއިތުވި މަސްތަކަށްވުރެ އިތުރެވެ. އެގޮތުން ރީޑިންގ ނަގާ ބިލްތައް ތައްޔާރުކުރަމުން އަންނައިރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު 25 އިންސައްތަ ނުވަތަ 30 އިންސައްތަ އިތުރުވެފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ރެންޑަމްކޮށް ޔޫސޭޖްވެސް ބެލިން، 25 ޕަސެންޓާއި 30 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ، އެއީ 1000 ރުފިޔާ ބިލަށް އަރާގެތަކުގެ ބިލް 1250 ނުވަތަ 1300 އެުމަކީ އެކަށީގެންވާކަމެއް، އަދި މިއަށްވުރެ އިތުރަށް ބޮޑުވަުމަކީވެސް އެކަށީގެންވާކަމެއް ކަމަށް، ބައެއް ގެ ތަކުގައި ކުޑަވެސް ވެދާނެ، އޭގައި އޮންނާނީ ކަރަންޓް ބޭނުންކުރެވޭ މިންވަރު،

މި ރަމަޟާން މަހުގައި ބިލް ބޮޑުކަމަށް ފާހަގަވާނެ އިތުރު ސަބަބެއްވެސް ކުންފުނިން ފާހަގަކުރި އެވެ. އެއީ މި ރަމަޟާން މަހުގައި ބިލްކުރެވޭ މުއްދަތަށް އައި ބަދަލެވެ. ސްޓެލްކޯއިން ބުނީ އެހެން އަހަރުތަކުގައި ރަމަޟާން މަހުގެ  ކަރަންޓް ބިލް ދަނީ ދެ ބިލެއްގެ ގޮތުގައި ބެހިގެން ކަމަށެވެ. އެހެންކަމުން އެއް ބިލަކަށް ބޮޑުކޮށް ދެއްކުމުގެ ފުރުސަތު ކުޑަވެއެވެ. ނަމަވެސް މިފަހަރު ބައެއް ކަސްޓަމަރުންނަށް އެއް ބިލެއްގެ ގޮތުގައި ބިލް ކުރެވޭނެކަމަށް ކުންފުނިން ބުންޏެވެ.

ރީޑިންނަގާ އެކ ދުވަހު ގޮސް އެކި އޭރިއާތަކުން، އެއީ ބިލިން ސާރކަލް އިންނަ ގޮތުން، މުޅިމާލެ ރީޑިން ނަގާނިމެނީ ދިހަ ވަރަކަށް ދުވަހުން.

 

ދެން އޮތީ ބިލް ބޮޑުވުމުގައި އަމިއްލަ ފަރުދަކުރެވޭ ކަންކަމެވެ. ނޭނގިނަމަވެސް ބިލް ބޮޑުވުމަށް މެދުވެރި މައިގަނޑު ސަބަބެވެ.

ރަމަޟާން މަހަކީ އާންމު މަސްތަކާއި ހިލާފަށް ތަފާތު ކާތަކެއްޗަށް ސުފުރާއިން ޖާގަ ލިބޭ މަހެކެވެ. ދިވެހިންގެ އާދަކާދައަށް ބަލާއިރު، އޭގެތެރެއިން ގިނަ ތަކެތި ތައްޔާރުކުރަނީ ކޮންމެެވެސް ކަރަންޓުގެ ވަސީލަތެއްގެ ތެރެއިންނެވެ. ބަދިގޭގައި ބޭނުންކުރާ ގިނަ ތަކެއްޗަކީ ވަރަށް މަތީ ކަރަންޓުގައި ނޫނީ ބޭނުން ނުކުރެވޭނެ ތަކެތި އެވެ. އެންމެ އާންމުކޮށް ބޭނުންކުރާ ފެންކައްކާ ޖަގުން ފެށިގެންގޮސް، މިކްސަރ، އަވަން ފަދަ ތަކެއްޗަކީ ވަރަށް ހައިވޯލްޓޭޖްގެ ކަރަންޓު ނަގާ ތަކެއްޗެވެ.

ކަރަންޓު އިޤްތިސާދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ކެމްޕޭންގެ ޕޯސްޓަރެއް

ރަމަޟާން މަހުގައި އެކި އެއްޗެތިން ގޭގައި ބޭނުންކުރާ ފްރިޖް އޮންނަނީ ފުރާލާފަ އެވެ. އެކަމުގައި ވިސްނުމަށް ނުގެނެވޭ ކަމަކީ ފްރިޖް ފުރާ އެއްޗެހި އަޅާކަމުގައިވާނަމަ، އެ ތަކެތި ފިނިކުރުމަށް އިތުރު ކަރަންޓު ނަގަމުންދާނެކަމެވެ.

ހޫނު ގަދަވީމާ އޭސީ ވޯކްލޯޑް ހައިވޭ. ކޮމްޕްރެސަރު ގިނައިން ޖެހޭ ވަރަކަށް މީޓަރު ހިނގާލެއް އަވަސްވާނެ، އޭތި އެހާބޮަޑަށް ކަސްޓަމަރުންނަށް ނޭންގޭ.

ފަހަރުގައި މިފަދަ ކަންކަން އާންމުނަނަށް ނޭނގުމަކީ އެކަށީގެންވާކަމެއްކަމަށް ބަލައި، ސްޓެލްކޯއިންް އަންނަނީ އާންމުނަށް އެފަދަ ކަންކަން ބުނެދިނުމަށްވެސް ކެމްޕޭނެއް ހިންގަމުންނެވެ. އެގޮތުން މިއަހަރު ފެބްރުއީން ފެށިގެންވެސް ކަރަންޓް ބޭނުންކުރާ މިންވަރު ކުޑަކުރުމަށް ކުންފުނިން ބާރު އަޅަ އެވެ. ސޯޝަލް މީޑިއާ އާއި ޓީވީ، އަދި ބިލް ބޯޑުތަކަށްދާންދެން ކަރަންޓު އިސްރާފްވާގޮތް ކުންފުނިން ބުނެދޭއިރު، އެއީ މާ ބޮޑުކަމެއް ނޫންކަމަށް ދެކި ދޫކޮށްލާ ފަހަރުވެސް ގިނަ އެވެ.

އޭގެއިތުރަށް ކޮވިޑާއެކު ސަރުކާރު މުވައްޒިފުން ގޭގައި މަޑުކުރަންޖެހުނު ޖެހުމާއި، ސްކޫލްތައް ކިޔެވުން މެދުކަނޑާލުންވެސް އެއީ ގެޔަށް އަންނަ ބިލަށް އެކަމުގެ ބަދަލުތައް އަންނާނެކަންކަމެވެ. ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ އެއީ އެވެ. ދަސްކުރަންވީ ކަމަކީ ބިލަށް ބަދަލު އަންނަ ކޮންމެ ފަހަރަކު ކުންފުނީގެ މުވައްޒިފުންނަށް ތުހުމަތުތައް ކުރުމުގެ ބަދަލުގައި، ކަރަންތު އިޤްތިސާދު ކުރާށެވެ.

ބޭނުންކުރާތަކެތި މަދުވެއްޖެނަމަވެސް ދުވާލަކަށް ދެ ޔުނިޓް ތިން ޔުނިޓް ސޭވް ކޮށްލެވޭނެ، ރޯދަމަސްވީމަ ބޭނުންކުރާ ކަރަންޓް ނޯމަލް އަށްވުރެ އިތުރުވާނެ، އެހެންނަމަވެސް އިގްތިސަދުކުރަން މަސައްކަތް ކުރެވިދާނެ

އޭގެއިތުރަށް ބިލް ހިސާބުކުރެވޭގޮތަށް ބަލާއިރު، ކަރަންޓު ބޭނުންކުރާ މިންވަރު 600 ޔުނިޓަށްވުރެ އިތުރުވުމުން ބިލް ބޮޑުވާނެ އެވެ. އެއީ ޔުނިޓް މަތިވާ ވަރަކަށް، ހިސާބުކުރެވޭ މިންވަރުވެސް ބޮޑުވާނެތީ އެވެ. މީޓަރަށް އަންނަ ބަދަލުތަކަކީ ކޮންމެ ގެޔެއްގެ ވެރިޔަކަށްވެސް ބަލާލެވޭނެ ބަދަލުތަކެވެ. މީޓަރުގެ އަދަދުތަކަށް ބަލައި، އަމިއްލައަށް ބިލްވެސް ތައްޔާރުކޮށްލެވޭނެ އެވެ. އެކަމުގައި ސްޓެލްކޯއިން ނުވަތަ އެހެން ފަރާތަކުންވެސް އޮޅުވާލުމެއް އޮޅުވާލުމުގެ ޖާގައެއްވެސް ނޯންނާނެ އެވެ.

600 ޔުނިޓުން 800 ޔުނިޓަށް އަންނަ އިރުގައި ވަރަށް ބޮޑު ޖަމްޕެއް ޖަހާލާ، ގާތްގަނޑަކަށް ދެބައިކުޅަ އެއަބައިގެ ޖަމްޕެއް

ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ފަރާތުން ރީޑްންގ ނެގުމަށްދާއިރު، ކަރަންޓު ޔުނިޓް މާބޮޑަށް އިތުރުވެފައި ހުރުމުން، ނުވަތަ މާބޮޑަށް ދަށްވެފައި ހުރުމުން އެގެތަކުގެ ރީޑީން ޑަބަލް ޗެކްކޮށް ބިލް ފޮނުވުމުގެ ކުރިން އޯނަރުންނަށްގުޅާ މައުލޫމާތުވެސް ސާފުކޮށް ހަދަ އެވެ. އެހެންކަމުން ބިލް ކުޑަކުރެވޭނެ ހަމައެކަނި ގޮތަކީ ފަރުދީ ޒިންމާ އަދާކުރުންކަމެވެ. އެއީ އެހެން ފަރާތަކަށް ކުރެވޭނެކަމެއް ނޫނެވެ.

0
0
0
0
1

1 ކޮމެންޓް

  1. އާކަމެއް ނޫން.. ސްޓެލްކޯއިން ހީކުރަނީ އަހަރެމެންމީ ތަނެއްދޮރެއް ނޭނގޭ ބައެއްކަމަށް..

ކޮމެންޓް

Your email address will not be published.

0 %