އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ޓްރޮފީ

އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދިޔުމާ ގުޅިގެން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ކުޅުން ފަސްކޮށްފިއެވެ.

އައިޕީއެލް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއަން ޕްރިމިއާ ލީގުގެ ގަވަރނިން ކައުންސިލް (އައިޕީއެލް ޖީސީ) އާއި ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އާއެކު ބޭއްވި ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ނިންމާފައިވަނީ 2021 ވަނަ އަހަރުގެ އިންޑިއަން ޕްރިމިއާ ލީގުގެ ކުޅުން ވަގުތުން ވަގުތަށް ފަސްކުރުމަށް ކަމަށެވެ.

ބީސީސީއައި އިން އައިޕީއެލްގައި ބައިވެރިވާ ކުޅުންތެރިންނާއި، ސަޕޯޓް ސްޓާފުން އަދި މުބާރާތް އިންތިޒާމު ކުރުމަށް ހަަރަކާތްތެރިވާ ބައިވެރިންގެ ރައްކާތެރިކަމާމެދު ރިސްކު ނަގަން ބޭނުން ނުވާ ކަމަށާއި، އެގޮތުން މި ނިންމުން ނިންމާފައިވަނީ މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ރަނގަޅަކަށް ކަމަށްވެސް އައިޕީއެލް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އައިޕީއެލް އިން ބުނީ، މިފަދަ ހާލަތަކަކީ ވަކިން ހާއްސަކޮށް އިންޑިއާއަށް އުނދަގޫ ހާލަތްތަކަށް ވާއިރު، މުބާރާތް ފަސްކުރީ މިކަމުން އަރައިގަންނަން އެހީވުމުގެ ގޮތުން ކަމަށާއި، މިއާއެކު މުބާރާތުގެ ބައިވެރިންނަށް އަނބުރާ އާއިލާތަކަށް ދެވޭނެ ކަމަށެވެ.

މީގެއިތުރުން މުބާރާތުގެ ބައިވެރިންގެ ސަލާމަތާއި، ރައްކާތެރިކަމަށް ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް އައިޕީއެލްއިން ހަމަޖައްސަދޭނެ ކަމަށް ބުނެފައިވާއިރު، ބީސީސީއައި އިން ވަނީ މި އުނދަގޫ ހާލަތުގައި މުބާރާތް ބޭއްވުމަށް އެއްބާރުލުންދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.