މާލެއަށް ބަރޯސާވުން ކުޑަކޮށް، އިގްތިޞާދު ލާމަރުކަޒު ކުރުމަށް ކާގޯ ފެރީ އަކީ ވަރަށް މުހިންމު ހިދުމަތަކަށް ވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރާއްޖެއާ އިންޑިއާ އާ ދެމެދު ގާއިމްކުރެވޭ ކާގޯ ފެރީގެ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވުނު ވާޗުއަލް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ކުޅުދުއްފުއްޓަށް ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ނިންމި ނިންމުމުން ހާމަވެގެންދަނީ އުތުރުގެ ރަށްތައް އިގްތިޞާދީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކަމަށެވެ. މިއީ އިގްތިސާދީ ހަރަކާތްތައް ލާމަރުކަޒު ކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ނެގިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގެ ފަރާތުން މިނިސްޓަރ ނަހުލާ ފެރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވި އިރު އިންޑިއާގެ ފަރާތުން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިން ޝްރީ މަންސުހް އެލް މަންޑަވިޔާއެވެ. 

ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާ (އެސްސީއައި) އިން އޮޕަރޭޓް ކުރާ ކާގޯ ފެރީ އުޅަނދު އެމްސީޕީ ލިންޒް ހދ. ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރުގައެވެ. އަދި މާލޭގައި 28 ސެޕްޓެމްބަރުގައި ބަނދަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ފެރީ ވަނީ މިހާރު ޓުޓިކުރިން އިން ކޮޗިން އަށް މިސްރާބުޖަހާފައެވެ. މި އުޅަނދަށް 380 ޓީއީޔޫ އަދި 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ އުފުލޭނެއެވެ.

އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ކާގޯ ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށުމުގެ ހިޔާލު ގެންގުޅޭކަން އިއުލާންކުރީ އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ ޖޫން 2019 ވަނަ އަހަރު ރާއްޖެއަށް ކުރި ރަސްމީ ދަތުރުފުޅެއްގައެވެ.

ކާގޯ ފެރީ އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޓުޓިކުރިން އަދި ކޮޗިން ބަނދަރު ތަމްސީލް ކުރާ ފަރާތްތަކުގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަދި ދިވެހި ފޮރިން މިނިސްޓްރީ ގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.