ވެކްސިން ޖެހުމަށް ގިނަ އަދަދެއްގެ ބަޔަކު ކިއޫގައި ޖެހި -- ފޮޓޯ: ޕީއެސްއެމް

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލައިފިއެވެ.

ހުއްޓާލި ސަބަބެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމައެއް ނުކުރެ އެވެ.

މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝިއެލްޑް ވެކްެސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލި ވާހަކަދަންނަވަމެވެ. އަލުން ޖަހަން ފެށޭނެ ތާރީޙެއް ފަހުން އިއުލާން ކުރެވޭނެއެވެ.

ކޮވިޝިލްޑް ވެކްސިން ޖެހުން ހުއްޓާލިއިރު، މީގެކުރިން އެޗްޕީއޭއިން ބުނަމުން ދިޔައީ،ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ދެވަނަ ޑޯޒް ޖަހަންވެފައިވާ ފަރާތްތަކަށް އެއްވެސް ދައްޗަކާނުލާ ވެކްސިން ލިބޭނެ ކަމަށެވެ. ނަމަވެސް، ކުއްލިއަކަށް ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލާ، އެ ވެކްސިން ޖަހަން ފަށާނެ ތާރީހެއްވެސް ހާމައެއް ނުކުރެ އެވެ.

ބަދަލުގައި އެޗްޕީއޭއިން ބުނީ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ވެކްސިން ޖެހުން މެދުކަނޑާލާފައިވާއިރު، މިރޭ 9:00 ޖަހާއިރު ވެކްސިން ޖެހުމަށް ޓޯކަން ނަންބަރު ދޫ ކުރާތީ، ހެނދުނު 11:00 އިން ފެށިގެން މީހުން ވަނީ ސޯޝަލް ސެންޓަރު ކައިރީ ކިއޫ ހަދަން ފަށާފައެވެ.

ވެކްސިންގެ ސްޓޮކް ދަށްވެފައިވާ ކަމުގެ އަޑުތައް މީގެކުރިން ވެސް ފެތުރިފައިވީ ނަމަވެސ،ް ރަސްމީ ސިފައެއްގައި ސްޓޮކް ދަށްކަމަށް އެއްބަސްވެފައި ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވެކްސިންގެ ސްޓޮކް ހުރި މިންވަރާ ބެހޭގޮތުން އެކި ދުވަސްމަތިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސްޓޮކް ހުރި މިންވަރާ ބެހޭ އެކަށީގެން ވާ ޖަވާބެއް ނުލިބެއެވެ. ވެކްސިންގެ ސްޓޮކާ ބެހޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރަމުން ދަނީ، ވެކްސިން ދިނުން ކޮންޓްރޯލް ކޮށްފައި ވާތީއެވެ.

ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދަނީ އެންމެ ދެ ސެންޓަރުގައެވެ. އެ ދެ ސެންޓަރުން ވެސް ކޮންމެ ރެއަކު ޓޯކަން ދޫކުރުމުން ދަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ. އެހެންކަމުން ވެކްސިން ޖެހުމަށް 5 ގަޑިއިރު ކުރިން ގޮސް ކިއޫ ހަދައިގެން ތިބެ، ރޯދަ ވީއްލަނީ ވެސް މަގުމަތީ ކިއޫގައި ތިބެގެން ކަން ފާހަގަ ކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.