ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލި ނިންމުން ހައިކޯޓުން ބާތިލްކޮށްފިއެވެ. ހައިކޯޓުން އެ ނިންމުން ބާތިލްކޮށް މައްސަލާގެ ޝަރީއަތް އަލުން ކުރިމިނަލް ކޯޓުން ކުރިއަށް ގެންދަން އަމުރުކޮށްފިއެވެ. 

އަދީބާއެކު، އިއުތިރާފު އެއްބަސްވުމަކަށް ވާސިލްވުމަށްފަހު ދައުލަތުން މަނީ ލޯންޑްރިން ހިމެނޭ ގޮތަށް ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލިއެވެ. ނަމަވެސް އެ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް ވެސް ކުރިއަށް ނުގެންގޮސް ކުރިމިނަލް ކޯޓުން މައްސަލަ ބާތިލްކުރިއެވެ. 

ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ އެ ހަތް ދައުވާ އަނބުރާ ފޮނުވާލީ، އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ވިދާޅުވެއެވެ. އެއްބަސްވުން ސައްހަކަމާމެދު އަދީބު ވެސް އަދި ދައުލަތުން ވެސް ސުވާލު އުފައްދައި އެއްވެސް ހުށަހަޅުމެއް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އެކަން ބެއްލެވީ ގާޒީ އިސްމާއިލް ރަޝީދު އަމިއްލަ އިސްނެގުމަށެވެ. 

ދައުލަތުން އިސްމާއިލް ރަޝީދުގެ ނިންމެވުނުން ހައިކޯޓުގައި ގިނަ ނުކުތާތައް ފާހަގަކޮށް އިސްތިއުނާފުކުރިއެވެ. އެ މައްސަލާގައި ދައުލަތުން އެދުނީ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ބަލަން އަމުރުކޮށްދިނުމަށެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވެސް މައްސަލަ ރައްދުވާ އަދީބު ވެސް ވަނީ އެ މައްސަލައަކީ ޝަރީއަތް ހިންގަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަަމަށް ވިދާޅުވެފައެވެ. އަދި އެއްބަސްވުމުގެ ސައްހަކަމާމެދު އޭނާ ދަށު ކޯޓުގެ ޝަރީއަތުގައި ސުވާލު އުފައްދާފައިނުވާނެ ކަމަށް ވިދާޅުވިއެވެ. 

މިއަދު ހައިކޯޓުގައި މައްސަލާގެ ހުކުމް އިއްވުމުގެ މަޖިލިސް ކުރިއަށް ގެންދިޔައެވެ. ހުކުމް އިއްވެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ހުކުމްގައި ދައުލަތުން ހުށަހެޅި ހުރިހާ ނުކުތާތަކުގެ މައްޗަށް ވަކިވަކިން ގޮތް ނިންމާފައިނުވެއެވެ. ނަމަވެސް ގޮތް ނިންމެވީ އިއުތިރާފު އެއްބަސްވުން ސައްހަކަމާމެދު ގާޒީ އަމިއްލައަށް އިސްނަންގަވައިގެން ބެއްލެވި މައްސަލައެވެ. 

ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެ ނުކުތާއާމެދު ގޮތެއް ނިންމެވުމުން އެހެން ކަންކަމަށް ވެސް ޖަވާބު ލިބިގެންދާނެ ކަމަށެވެ. އެއީ އެއްބަސްވުމުގެ ސައްހަކަމާމެދު ގާޒީ އަމިއްލައަށް އިސްނަންގަވައިގެން ގޮތެއް ނިންމާފައިވަނީ ސައްހަ ނޫން އިޖުރާއަތެއްގެ މައްޗަށް ކަމަށެވެ. އަދި އެއީ އެކަން ކުރަން ގާނޫނުގައި ބުނާ ގޮތެއް ވެސް ނޫން ކަމަށެވެ. 

ޖިނާއީ އިޖުރާއަތުގެ ދަށުން ދައުލަތާއި ދައުވާ ލިބޭ މީހާއާ ދެމެދު ހަދައި އިއުތިރާފު އެއްބަސްވުމުގެ ސައްހަކަން ބެލުމަކީ އެއީ ގާޒީއިން ކުރައްވަން ޖެހޭ ކަމެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. އެފަދަ އެއްބަސްވުމެއް ހުށަހަޅައިފިނަމަ ދައުވާ ލިބޭ ފަރާތަށް ފުރުސަތު ދޭން ޖެހޭނީ އެ އެއްބަސްވުމާ އެއްގޮތަށް އިއުތިރާފުވަންތޯ ނުވަތަ ނޫންތޯ ކަމަށް ބުނުމުގެ ފުރުސަތު ކަމަށެވެ. 

ސައްހަ އިއުތިރާފު އެއްބަސްވުމެއް އޮންނަ ހާލަތުގައި ވެސް ދައުވާ ލިބޭ މީހާ އިއުތިރާފުން ރުޖޫއަވާން ބޭނުންވާނަމަ އެ ހައްގު ދޭން ޖެހޭނެ ކަމަށާއި އަދި އެ އެއްބަސްވުން ބަލައިނުގަތުމަށް ވެސް ގާޒީއަށް ނިންމެވިދާނެ ކަމަށެވެ. ގާނޫނުގައި ބުނާ އެ ފުރުސަތުތައް ދިނުމުގެ ބަދަލުގައި އެއްބަސްވުން ސައްހަތޯ ނުވަތަ ނޫންތޯކަމާމެދު ބަހުސް ކުރުމަކީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމެއް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އެއީ ގާނޫނީ ބޭނުމެއް ނެތް ބޭކާރު ކަމެއް ކަމަށް ވިދާޅުވިއެވެ. 

ފަނޑިޔާރު ވިދާޅުވީ އިއުތިރާފު ހައްގު ބޭނުން ކުރުމަށް އިތުރު ބަހުސްތަކެއް ކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި އިއުތިރާފުވުން ނުވަތަ ރުޖޫއަވުމުގެ ފުރުސަތެއް ދިނުމެއް ނެތި، އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައަޅައި ދައުވާތައް ބާތިލް ކުރުމަކީ ގާނޫނީ ހުއްޖަތެއް ނޫން ކަމަށް ވެސް ހުކުމްގައި ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން ހަތް ދައުވާ ބާތިލް ކުރަން ނިންމެވި ނިންމެވުން ގޯސްކަމަށް ކަނޑައަޅައި އިބްތިދާއީ އަޑުއެހުންތަކުން ފެށިގެން މައްސަލާގެ ޝަރީއަތް އަލުން ކުރިއަށް ގެންދިޔުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އަމުރު ކުރެއްވިއެވެ.  

އިސްތިއުނާފީ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން އަދީބު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް މީގެކުރިން އަމުރު ނެރެފައި އޮތެވެ. އެ އަމުރު ނެރުނުއިރު އޮތް ހާލަތްތަކަށް އަދި ބަދަލެއް އައިސްފައިނުވާތީ މިއަދު ވެސް ހައިކޯޓުން ނިންމާފައިވަނީ އަދީބުގެ ބަންދު އަމުރުގެ މުއްދަތް އިތުރު ކުރުމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމަށް ވެސް ހައިކޯޓުން ވަނީ އަންގަވާފައެވެ. 

އަދީބާ ގުޅޭ ގޮތުން ކޯޓުތަކުގައި މިހާރު އޮތް ހަމައެކަނި މައްސަލައަކީ މި ހަތް ދައުވާއެވެ. އޭނާ ދައުލަތާއެކު އެއްބަސްވުމަކަށް ވަޑައިގެން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ހެކިތަކާއި މައުލޫމާތުތައް ދަނީ ދައުލަތާ ހިއްސާ ކުރައްވަމުންނެވެ. އެކަން ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވައި ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.