ރައީސުލްޖުމްހޫރިއްޔާ އެން.އީ.އޯ.ސީ އަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މުޅި ރާއްޖޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާލެ ސަރަހައްދުގަވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހ ނިންމަވައި، އޮފީސްތައް ބަންދުކޮށްފި އެވެ.

މި ފިޔަވަޅު އަޅާފައި ވަނީ މާދަމައިން ފެށިގެން މިމަހު 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ވާގޮތުން، މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިއްބެގެން ކުރަމުން ގެންދިއުމަށް އަންގާފައި ވެއެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ހިފުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ވެސް ވަނީ އަންގާފައެވެ.

ރައީސްގެ ނިންމެވުމުގައިވާގޮތުން އޮފީސްތައް ބަންދުކުރިނަމަވެސް ސަރުކާރުގެ އިދާރާތަކުންދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރެވިދާނެ ކަމުގައި އެ ދެންނެވުމުގައި ވެއެވެ. އަދި، މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމަށް ވެސް ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާވާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަން ގަތުމަށް ރައީސް ސޯލިހް އެދިވަޑައިގެންފައިވެއެވެ. އަދި އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ހާއްސް ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.