ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވީފަހުން 55 އަހަރު ފުރުން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖުގައި، 26 ޖުލައި 1965 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު، ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނޭ ކަމާމެދު ބޭރު ދުނިޔެއިން ޝައްކު ކުރަމުން ގެންދިޔަކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ރާއްޖެއިން ޔޫއެންގެ މެންބަރު ގައުމަކަށް ވުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ޔޫއެންގެ މެންބަރުކަން ސެކިއުރިޓީ ކައުންސިލުން ރާއްޖެއަށް ދިންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި، ޔޫއެންގެ މެންބަރު ގައުމެއްގެ ގޮތުގައި 55 އަހަރު ފުރުމަކީ ރާއްޖެއަށް ލިބުނު އުފަލެއްކަމަށާއި ސެކިއުރިޓީ ކައުންސިލްގެ އެ ނިންމުން އަބަދުވެސް ރާއްޖެއިން ބަލައިގަންނާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

ފާއިތުވި 55 އަހަރުތެރޭގައި ރާއްޖެއަށް ލިބުނު ކުރިއެރުންތައް ފާހަގަކޮށް އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ކުދި ގައުމުތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ގައުމުކަމަށެވެ. އެގޮތުން، ބޭރުގެ އެހެން ގައުމުތަކާއި ގުޅިގެން މޫސުމީ ބަދަލުތަކާއި، ކޮވިޑް-19 ފަދަ މުހިންމު ކަންތައްތަކުގައި ރާއްޖެއިން މަސައްކަތް ކުރާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދިވެހިރާއްޖެއަށް ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުންވެސް ހިފާކަމަށާއި، ޔޫއެންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރާ ކައުންސިލްގެ މެންބަރުކަން 2 ފަހަރު ކުރުމަކީ އޭގެ މިސާލެއް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ޔޫއެންގެ ޗާޓަރގައި ހިމެނޭ މުހިންމު ކަންތައްތައްތަކަށް ބޯލަބާނެކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

މި އަހަރަކީ ޔޫއެން އުފެދުނުތާ 75 އަހަރުވެސް ފާހަގަކުރާ އަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.