ޑރ. ފައުޗީ ؛ އޭނާ ވަނީ އިންޑިއާ ލޮކްޑައުން ކުރުމަށް ގޮވާލާފައި --ފޮޓޯ: ގެޓީ އިމޭޖެސް

އިންޑިއާގެ ކޮވިޑް ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާ، އެ ގައުމު ލޮކްޑައުން ކުރުމަށް އެމެރިކާގެ ޕަބްލިކް ހެލްތް އެކްސްޕާޓް އަދި ވައިޓްހައުސްގެ ޗީފް މެޑިކަލް އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ގޮވާލައްވައިފިއެވެ.

ޑރ. ފައުޗީ ދެއްވި އިންޓަވިއުއެއްގައި އިންޑިއާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާ ވިދާޅުވީ، މިވަގުތަށް އިންޑިއާއަށް އޮތް ހައްލަކީ ލޮކްޑައުން ކުރުން ކަމަށެވެ. އަދި މިއީ މިހާރުވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުން ކުރަމުން ދާ ކަމެއް ކަން އޭނަ ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ. ފައުޗީ ވިދާޅުވީ ކޭސްތައް އިތުރުވެ، ހާލަތު ގޯސްވުމުން ޗައިނާއާއި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑް ފަދަ ގައުމުތަކުން ވެސް ދިޔައީ ލޮކްޑައުންއަކަށް ކަމަށެވެ. އަދި ގައުމު ލޮކްޑައުން ކުރަންވީ 6 މަސް ދުވަހަށް ކަމަށް ވިދާޅު ނުވާ ކަމަށާއި، ލަފާ ދެއްވަނީ މަދު ހަފްތާ ކޮޅަކަށް ލޮކްޑައުން ކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން ގައުމުތަކުން ތަޖުރިބާ ކުރި ކަންތައްތަކަށް ބެލުމުން، ލޮކްޑައުން ކުރުމަކީ ކޭސްތަކުގެ އަދަދު ދަށް ވާނެ ކަމެއް ކަމަށެވެ.

ހަމައެއާއެކު ޑރ. ފައުޗީ ވަނީ އިންޑިއާގެ ވީހާ ވެސް ގިނަ ރައްޔިތުން ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ. އަދި ވެކްސިން ޕްރޮގްރާމަށް އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން، އެހެން ގައުމުތަކުގައި އުފައްދާ ވެކްސިންތައް ވެސް ހޯދައިގެން ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިން ޖެހުން މުހިންމު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިއަދު ވެކްސިން ޖެހިއަސް މިއަދުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތަނުގައި ދިމާވާނެ މައްސަލަތަކުން ދުރު ވެވޭނެ ކަމަށެވެ. ޑރ. ފައުޗީ ފާހަގަ ކުރެއްވީ، މިވަގުތު ގިނަ ބަޔަކު ވެކްސިން ޖެހިއަސް ވަގުތުން ވަގުތަށް ހާލަތު ރަނގަޅު ނުވާނެ ކަމެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހާލަތު އިތުރަށް ގޯސްވުމުން ދުރު ވެވޭނެ ކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.