އެކައުންޓްތައް ފްރީޒު ކުރި މައްސަލާގައި ދިފާއުވުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގިނަ ވާހަކަތަކެއް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކަވައިފިއެވެ. 

ދައުލަތުން އެދިގެން ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ އަށް ބޭންކު އެކައުންޓެއް ފްރީޒުކުރުމުގެ އަމުރެއް ނެރުނެވެ. އެއީ އިސްލާމިކް ބޭންކްގެ އެކައުންޓްތަކަކެވެ. އެ އެކައުންޓްތައް ފްރީޒު ކުރުމަށް ދައުލަތުން އެދުނީ އެމްއެމްއޭއިން ފުލުހަށް ފޮނުވި އެސްޓީއާރްއަކާ ގުޅިގެންނެވެ. އެ އެސްޓީއާރްގައި ތުހުމަތުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ބޭންކު މުއާމަލާތާ ގުޅޭ ގޮތުންނެވެ. އެއީ އެއް މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެ އެ އެ ފައިސާ ސޭވިން އެކައުންޓަކަށް ޖަމާކޮށްް އެހެން ފައިސާތަކެއް އޭސީސީއާއެކުވީ އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައެވެ.

ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ އަށް އެކައުންޓް ފްރީޒު ކުރަން ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރިއެވެ. އެއީ އެކައުންޓްތައް ފްރީޒުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މޮނީޓަރިންގެ އަމުރެއް ހޯދުމަކާ ނުލާ ކަމަށް ބުނެއެވެ. އެހެންވެ އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިއަދު ސުޕްރީމް ކޯޓުގައި ވަނީ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ބާއްވާފައެވެ. އެއީ ފަހު ބަސް ބުނުމުގެ އަޑުއެހުމެވެ. 

އޮންލައިންކޮށް ކުރިއަށްދިޔަ އަޑުއެހުމުގައި ރައީސް ޔާމީންގެ ދިފާއުގައި ވަކީލުން ވާހަކަ ދެއްކެވިއެވެ. ނަމަވެސް ވަކީލުންނަށްވުރެ ބޮޑަށް ތައްޔާރުވެވަޑައިގެން ގާނޫނީ ގިނަ ވާހަކަތައް މިއަދު ދައްކަވާފައިވަނީ ރައީސް ޔާމީނެވެ. އެގޮތުން ދައުލަތަށް ރައްދު ދެއްވައި މަނީ ލޯންޑްރިންއާ ގުޅޭ ވަރުގަދަ ވާހަކަތަކެއް ރައީސް ޔާމީން ވިދާޅުވެދެއްވިއެވެ. 

ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ އެކައުންޓްތަކެއް ފްރީޒުކުރި ސަބަބެއް ނުވިސްނޭ ކަމަށެވެ. އެއީ އަންގާފައިވަނީ އިސްލާމިކް ބޭންކްގެ އެކައުންޓެއްގައި ހުރި ފައިސާތަކެއްގައި އެކަނި އަތް ނުލުމަށް ކަމަށާއި އެގޮތުގެ މަތިން އެ އެކައުންޓްގައި އަތްލާފައިނުވާނެ ކަމަށެވެ. ތުހުމަތު ވަނީ އެއް މިލިއަން ޑޮލަރަށް ކަމަށްވާއިރު އެ އެއް މިލިއަން ޑޮލަރު ދައުލަތުގެ އިދާރާއިން އެންގި ގޮތަށް އެ ހުރީ ބަހައްޓާފައި ކަމަށެވެ. އޭގެ ތަހުގީގު ފުލުހުންނަށް ކުރިއަށް ގެންދެވޭނެ ކަަމަށެވެ. އޭގެ ބޭރުން ދަތުރުކޮށް އެމަނިކުފާނުގެ ހުރިހާ އެކައުންޓެއް ބެލުމުގެ ގާނޫނީ ހަމައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. 

މާފުށީ ޖަލުގައި އިންނެވި ރައީސް ޔާމީން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ އޭގެން ލޫޕްހޯލްތައް ނަގައިގެން ދައުލަތުން އަމަލު ކުރަން ޖެހޭ ގާނޫނެއް ނޫން ކަމަށެވެ. އެއީ ތުހުމަތުވާ މީހާގެ ގިނަ ހައްގުތަކެއް ބަޔާންކުރާ ގާނޫނަކަށްވާއިރު ގާނޫނުގައި ބުނާ ފަދައިން މޮނީޓަރިންގެ އަމުރެއް ނެތި، އެމަނިކުފާނުގެ އެކައުންޓްތައް ބަލައި، އެ ފްރީޒު ކުރަން އަމުރު ނެރުމަކީ ގިނަ ހައްގުތަކެއް ގެއްލޭ ކަމެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ބޭންކިން ގާނޫނުގައި ބުނާ މައުލޫމާތުތަކެއް ލިބުނު ނަމަވެސް މޮނީޓަރިން އަމުރެއް ނެތި އެކައުންޓްތަކުގެ މައުލޫމާތު ފުލުހުންނަށް ނުހޯދޭނެ ކަމަށެވެ. އެ އަމުރު ނެތި ހޯދި މައުލޫމާތުތައް ފުލުހުން ހޯދައި އެ އާންމުކޮށް އިއުލާންކުރީ ކަމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުން ބުނެދޭން ވެސް ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ އެކައުންޓްތައް ފްރީޒު ކުރާއިރު ތުހުމަތެއް އޮންނަން ވާނެ ކަމަށާއި އެކަން ތަހުގީގަށް ވެސް އެނގެން ޖެހޭނެ ކަމަށެވެ. އަދި، ތުހުމަތެއް އޮތްކަން އެކައުންޓްގެ ވެރިފަރާތަށް ވެސް އެނގެން ޖެހޭނެ ކަމަށެވެ. އެހެން ވިދާޅުވެ ރައީސް ޔާމީން ވަނީ އެމަނިކުފާނު އިސްލާމިކް ބޭންކްގެ ތެރެއިން ހިންގެވި މުއާމަލާތަކީ މަނީ ލޯންޑްރިން ނޫންކަން ސާބިތު ކުރެއްވުމަށް ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. 

އެގޮތުން ވިދާޅުވި ގޮތުގައި އެސްއޯއެފްއިން ފައިސާ ޖަމާކުރި އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކްގައި އޮތް އެކަމަނިކުފާނުގެ ސޭވިން އެހެން އެކައުންޓަކަށް ޖަމާކުރެއްވީ 2017 ވަނަ އަހަރު ކަމަށެވެ. އޭރު އެ ފައިސާއާމެދު ތުހުމަތެއް ނެތް ކަމަށާއި އޭސީސީއިން ވެސް އެހެން އަންގާފައިވާ ކަމަށެވެ. އެމަނިކުފާނުގެ ފައިސާތަކެއް އިންވެސްޓްކުރާނެ ގޮތާއި އަމަލު ކުރާނެ ގޮތް އެނގޭނީ އެމަނިިކުފާނަށް ކަމަށާއި ތުހުމަތެއް ނެތް ފައިސާއެއް ބޭނުން ކުރެއްވޭނެ ކަމަށެވެ. އޭގެފަހުން ތުހުމަތެއް އެ ފައިސާއާމެދު އުފުލުނުއިރު ފައިސާތައް ހުރީ އެ އެކައުންޓަށް ޖަމާކޮށްފައި ކަމަށާއި އެހެންވެ އެހެން އެއް މިލިއަން ޑޮލަރު، އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް  އޭސީސީއަށް ވެސް އެނގިގެން ޖަމާކުރެއްވީ ކަމަށެވެ. ދައުލަތަށް ބޭނުންވާ އެއް މިލިއަން ޑޮލަރު މިހާރު ވެސް އެ ހުރީ ދައުލަތަށް ނެގޭ ގޮތަށް ކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މުއާމަލާތްތަކަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށެވެ. އެމަނިކުފާނުގެ އެއް އެކައުންޓުން އެއް ބޭންކެއްގައި އޮތް އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުން އަސްލު އޮޅުވާލުން ކަމަށް ނުވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މަނީ ލޯންޑްރިންއަކީ އެންމެ މުއާމަލާތެއް ނޫން ކަމަށެވެ. އެއީ ދެމިގެންދާ ވިޔަފާރިއެއް ކަމަށެވެ. ގާނޫނާ ހިލާފަށް ހޯދާ ފައިސާ، ނެރެ ލޯންޑާކޮށް އަސްލު އޮޅުވާލައި އެއީ އެތައް ފަހަރަކު ކުރާ އަމަލެއް ކަމަށެވެ. 

އިސްލާމިކް ބޭންކްގައި ހުރި އެއްވެސް އެކައުންޓަކުން އެހެން ބޭންކެއްގައި ހުރި އެކައުންޓަކަށް އަދި އެހެން ބޭންކް އެކައުންޓަކަށް އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ފައިސާ ބަދަލުކޮށްފައިނުވާނެކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ބޭންކްތަކުން ފައިސާ ނެރެގެން ފައިސާގެ އަސްލު އޮޅުވާލަން ކުރި މަސައްކަތެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނުގެ ހުރިހާ ފައިސާއެއް ވެސް އެވަތް ބޭންކްތަކުގައި އެ ހުރީ ކަމަށެވެ. 

ރައީސް ޔާމީނަށް ރައްދު ދެއްވަމުން ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ އެއް ބޭންކުން އެއް އެކައުންޓުންނަށް އަނެއް އެކައުންޓަށް ޖަމާކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށް ބުނާ ބުނުމަކީ ހަގީގެއް ނޫން ކަމަށެވެ. އެއް ބޭންކެއްގެ ތެރޭގައި ވެސް ފައިސާގެ އަސްލު އޮޅުވާލުމުގެ އަމަލު ހިންގޭނެ ކަމަށެވެ. 

އިތުރަށް ވިދާޅުވީ އޭސީސީއާއެކު އެސްކްރޯ އެކައުންޓްގެ އެއްބަސްވުމަށް ދިޔައިރު ވެސް އެއް މިލިއަން ޑޮލަރުން މަންފާ ހޯއްދަވަމުން ގެންދެވި ކަމަށާއި އެއްބަސްވީއިރު ވެސް އެ ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ އެކައުންޓްތަކުގައި ހުރި ފައިސާ އާއި ބީއެމްއެލްގެ އެކައުންޓްގައި ހުރި ފައިސާ އެއްކޮށް އޭގެން މަންފާ ހޯދުމަށް މަސައްކަތް ކުރައްވާފައިވާކަން ވެސް މިހާރު ތަހުގީގަށް ހާމަވާ މައުލޫމާތުތަކުން އެނގޭ ކަމަށް ވަކީލް ވިދާޅުވިއެވެ. 

ފަނޑިޔާރު ސުއޫދު ވަނީ މިހާރު ރައީސް ޔާމީންގެ ކިތައް އެކައުންޓް ފްރީޒުކޮށްފައިވޭތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ފަހުން އަމުރަކަށް އެދިގެން ފްރީޒުކޮށްފައިވަނީ އެންމެ އެކައުންޓެއް ކަމަށެވެ. އެކަމާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ ދައުލަތުގެ ވާހަކަތައް ދެކޮޅު ޖެއްސުމަށް އުނދަގޫވާ ކަމަށެވެ. އަށް އެކައުންޓްގައި ވެސް ތުހުމަތު ކުރެވޭ ފައިސާ ހުރި ކަމަށް ދައުލަތުން ބުނާއިރު ފަހުން އެއް އެކައުންޓް ފްރީޒުކުރަން އެދުނީ ކިހިނެއްވެގެންތޯ ސުވާލު ކުރެއްވިއެވެ. 

ވަކީލް ވިދާޅުވީ ހައިކޯޓުން އަށް އެކައުންޓް ފްރީޒުކުރި އަމުރުތައް ބާތިލް ކުރުމާއެކު ކުރިމިނަލް ކޯޓުން އެ އަމުރާ ހަވާލާދީ، ފަހުން އެދުނު އަމުރުތައް ވެސް ބާތިލް ކުރެއްވި ކަަމަށެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން މައްސަލާގައި ހިމެނޭ އެކައުންޓްތަކާ ގުޅޭ އިތުރު އަމުރެއް ކުރިމިނަލް ކޯޓުން ނެރެނުދޭނެ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. 

މީގެކުރިން ބޭއްވި އަޑުއެހުމުގައި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއްސުއޫދު ފުލުހުންނާ އަމާޒު ކުރެއްވި ސުވާލަށް ޖަވާބެއް ނުދެއްވުނެވެ. ނަމަވެސް މިއަދު ފުލުހުން ވަނީ އެ ސުވާލުގެ ޖަވާބު ދެއްވާފައެވެ. އެގޮތުން މައްސަލަ ތަހުގީގުކުރި އޮފިސަރު ހުސެއިން ލިރާރު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މިލްކިއްޔަތުގެ ތެރެއިން ޝައްކު އުފެދުނީ ސަތޭކަ މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއަށެވެ. އެ ފައިސާތަކާމެދު ޝައްކު އުދެދުނު ގޮތް ސާފުކޮށް ކިޔައިދެއްވަން ބޭނުންވާ ކަމަށް ލިރާރު ވިދާޅުވިއެވެ. 

އެކަމަށް ފުރުސަތު ދެއްވުމުގެ ގޮތުން ފަނޑިޔާރު ސުއޫދު ވަނީ އެހެން ފަނޑިޔާރުންނާ މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާ ކުރެއްވުމަށް އަޑުއެހުން މެދުކަނޑާލުމަށްފަހު ފަނޑިޔާރު ސުއޫދު ވަނީ އެ ތަފްސީލްތަކަކީ ކުރިމިނަލް ކޯޓަށް އަމުރު ހޯދުމަށް އެދުނުއިރު ފާހަގަކުރި ތަފްސީލްތަކެއްތޯ އައްސަވާފައެވެ. ލިރާރު ވިދާޅުވި ގޮތުގައި އަމުރަށް އެދުނުއިރު ބޭންކް ސްޓޭޓްމެންޓްތައް ހުށަހެޅި ކަމަށާއި އެހެންވެ އެ އަދަދުތައް ހުންނާނެ ކަމަށެވެ. އަމުރަށް އެދުނު ފޯމްގައި ފައިސާގެ އެއްވެސް އަދަދެއް ހިމަނާފައެއް ނުވާނެ ކަމަށެވެ. ފަނޑިޔާރު ސުއޫދު ވިދާޅުވީ އެހެންކަމުން މި މަރުހަލާގައި އާ ތަފްސީލްތަކެއް ބަލައިގަތުން ދަތި ކަމަށެވެ. އެ ފުރުސަތު ފުލުހުންނަށް ނުދެއްވައެވެ. 

މިއަދު ވަނީ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައެވެ. ދެން މައްސަލާގައި އޮންނާނީ ހުކުމް އިއްވުމެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާއިރު އެ މައްސަލައިގެ އިސްތިއުނާފު މިހާރު އޮތީ ހައިކޯޓުގައެވެ. އެ މައްސަލަ ވެސް އޮތީ ހުކުމާ ހަމަގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.