ރިޕޯޓްއެޑްވަޓޯރިއަލް

އެމްޓީސީސީގެ ފަޚުރު - ޤައުމު ބިނާ ކުރުމުގައި ރައްޔިތުންގެ ދަރިން

އެމްޓީސީސީގެ މުވައްޒިފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްޓީސީސީ

މަސައްކަތުގެ މައިދާނުގައި އެންމެ މުހިއްމު ރައުސްމާލަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ކަމާމެދަކު އެއްވެސް ފަރާތަކުން ދެބަހެއް ނުވާނެއެވެ. މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުނި އެމްޓީސީސީއަކީވެސް މިދެންނެވި ހަމައިން އިސްތިސްނާވާ ކުންފުންޏެއް ނޫނެވެ. 1980 ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަކީ، ކުންފުނީގެ ތަރައްޤީގެ ދަތުރުގައި ދިވެހި މުވައްޒަފުންގެ ޙިއްސާ ބޮޑު ކުންފުންޏެކެވެ. ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާއި ހަމައަށް ފެންނަ މޫނުތަކުގެތެރޭގައި ގިނައީ ދިވެހި މުވައްޒަފުންނެވެ. ޕްރޮޖެކްޓް ސައިޓް ތަކުގެ ސުޕަވައިޒަރުން ފެށިގެން ލޯންޗު ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންވެސް މަދެކޭ ދެންނެވޭކަށް ނެތެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރު ކުންފުނީގައި މިހާރު ވަޒީފާއަދާކުރާ 2332 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންނެވެ.

ކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. އެމްޓީސީސީގެ ޓީމު މަސައްކަތްކުރަން ޖެހިފައިވަނީ ބަދަލުވަމުންދާ މާހައުލެއްގައިކަމަށްވުމާއެކު، އެއީ ޤާބިލް، ބާރުވެރިކުރުވިފައިވާ، އެކުގައި މަސައްކަތްކުރުމުގެ ރޫހާއި ކުންފުނީގެ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ ރޫހުއޮތް ޓީމަކަށް ވާންޖެހެއެވެ.

ފެރީޓާމިނަލްއެއްގައި އެމްޓީސީސީގެ މުވައްޒިފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްޓީސީސީ

މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުން އަދި ދެވޭ އުޖޫރަ ކަނޑައެޅުމުގައި އެމްޓީސީސީ ގެންގުޅޭ ސިޔާސަތަކީ ރޭވުންތެރިކަމާއެކު ވިޔަފާރި ހިންގުމަށް މަގުފަހިކޮށްދޭ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ފުރުޞަތު ލިބޭ، ލީޑަރޝިޕް ވަރުގަދަކޮށްދޭ، މުވައްޒަފުންގެ ބައިވެރިވުން ހޯދާ، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުރުޞަތު ލިބޭ ސިޔާސަތެކެވެ. ކުންފުނީގެ މުވައްޒަފުންނަކީ ހުނަރުވެރި ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، މުވައްޒަފުން ތަމްރީން ކުރުމާއި، ތަރައްޤީ ކުރުމަކީ، ކުންފުނިން އަގުވަޒަންކުރާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަފާތު ވިޔަފާރިތަކުގައި ކުންފުނިން އަދާކުރަމުންދާ އިސް ދައުރު އަދާކުރަމުން ގެންދިއުމަށް ބޭނުންވާ ހުނަރާއި ފަންނުވެރިކަން ކަށަވަރުކުރުމަށް، ނަތީޖާ ނެރެވޭ ސިޔާސަތުތަކެއްގެ ދަށުން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން ގެންދެވެއެވެ. އަދި ކުންފުންޏަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ އާއި ޕްރޮފެޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދާދެވެއެވެ.

އެމްޓީސީސީގެ މުވައްޒިފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްޓީސީސީ

ކުންފުނީގެ އަމާޒަކީ ކުންފުނީގެ މުއައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުއައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭބަޔަކަށް ހެދުމެވެ. ނަތީޖާ ނެރެދޭ ވަކިވަކި މުއައްޒަފުންނާއި ޓީމްތައް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުގެ އަގު ކުންފުނިން އަބަދުވެސް ވަޒަންކުރެއެވެ. އަހަރީ ޕްރޮގްރާމެއްގެ ދަށުން ޙައްޖު އަދި ޢުމްރާގެ އަޅުކަން ޤާއިމުކުރަން މުވައްޒަފުންނަށް ފުރުޞަތު ދެވެއެވެ. އަދި "ހެލްތް އިންޝުއަރެންސް" ގެ ޚިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެވެއެވެ.

އެމްޓީސީސީން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް މިއަހަރު އަލުން ފެށުމަށް ނިންމި ނިންމުމަކީ، ކުންފުނީގެ ޓީމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނިން ދޭ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހެވީ ވެހިކަލް އޮޕްރޭޓް ކުރުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު އޮޕަރޭޓް ކުރުމާއި، އިންޖިނިއަރިންގ، ވެލްޑިންގް، ޑްރެޖިންގ އަދި އެންވަޔަރަމެންޓަލް ސަރވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީން ކުރެވިގެންދާނެއެވެ. ހުނަވަރު ޕްރޮގްރާމް ބެހިގެން ވަނީ 2 ބަޔަކަށެވެ. އެއީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމްއާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ.

އެމްޓީސީސީގެ މުވައްޒިފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްޓީސީސީ

ހުނަވަރު ލައިސެންސިންގ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުގެތެރޭ އައްޑޫ އާއި ފުއައްމުލަކުގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ "އޯޕަން ޑޭ" ގެ ޒަރީޢާއިން، ގިނަ ބައިވެރިންތަކަކަށް ހުނަވަރު ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި މިއަހަރުގެ މެއި މަހު ފެށޭ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، މިއަހަރު އެކަނި 30 ދިވެހިން ތަމްރީން ކުރެވިގެންދާނެއެވެ. އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން 3 އަހަރު ދުވަހުގެތެރޭ 100 ދިވެހިން ތަމްރީން ކުރުމެވެ.

އެމްޓީސީސީން ޤަބޫލުކުރާ ގޮތުގައި، ދިވެހިން މުވައްޒަފުންނަކީ ހުނަރުވެރި ކަމަށް ޤާބިލު ވަޒީފާއަށް ކަމޭހިތާ އިޙުލާސްތެރި ބައެކެވެ. ކުންފުނީގެ އަމާޒަކީ އަބަދުވެސް ދިވެހިންނަށް އިސްކަން ދީގެން ދިވެހިންނަށް ފުރުސަތުތައް ހޯދައިދީގެން، ދިވެހިންގެ ބައިވެރިވުމާއެކު ކުންފުނި ކުރިއެރުވުމެވެ. މިގޮތުން 7 އޮކްޓޯބަރ 2020 ވަނަ ދުވަހު އެމްޓީސީސީގެ ބޮޑު ޑްރެޖަރު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީވެސް ކުންފުނިން ނިންމި ތާރީޙީ ނިންމުމެކެވެ. އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިޤްތިސާދަށް ކުރާނެއެވެ.

އެމްޓީސީސީގެ މަޤްޞަދަކީ ތަފާތުތައް އެކުލެވޭ މުވައްޒަފުން ބައިވެރިކޮށް ޓީމު ބިނާކޮށް، އެންމެންގެ ބައިވެރިވުން ލިބޭ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ މަސައްކަތުގެ މާހައުލެއް ޤާއިމުކޮށް ވިޔަފާރިތަކަށް ކުރިއެރުން ހޯދުމެވެ. އެމްޓީސީސީ ޤަބޫލުކުރާގޮތުގައި ޓީމުތަކުގެ ތެރޭގައި ހިމެނޭ ތަފާތުކަމުގެ ސަބަބުން މަސައްކަތުގައި މުވައްޒަފުންގެ ފަރާތުން ލިބޭ ބައިވެރިވުން އިތުރުވެއެވެ. އަދި މީގެ ސަބަބުން ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މުވައްޒަފުންގެ ބޭނުންތަކާއި ތަފާތު ކަސްޓަމަރުން، ވިޔަފާރީގެ ބައިވެރިން އަދި ނަފާވެރިންގެ ބޭނުންތައް ދެނެގަތުމަށް އެހީތެރިވެދެއެވެ. އަދި ޓީމުގައި އެކުލެވޭ ހުނަރު އިތުރުވެ ފުޅާވެގެންދެއެވެ. ވުމާއެކު އެއްވެސް މީހަކަށް ތަފާތުކުރުމެއްނެތި، މީގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންވެސް ހިމެނޭގޮތަށް، ވަޒީފާގެ ފުރުޞަތު ދިނުމާއި ވަޒީފާގެ ކުރިއެރުން ހޯދައިދިނުން އަދި ތަމްރީނުކުރުމާއި މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ ކުންފުނިން މުހިންމުކަންދޭ ކަމެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާދިނުމުގައި ވަޒީފާގެ މަސްއޫލިއްޔަތަށް ބަދަލުގެނެވޭ މިންވަރަކުން ވަޒީފާގެ ޑިޒައިން ބަދަލުކޮށް، ކަމާގުޅޭ ތަމްރީނު އެފަދަ މުވައްޒަފުންނަށް ފޯރުކޮށްދެވެއެވެ.

އެމްޓީސީސީގެ މުވައްޒިފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއަކީ ދެ ޖިންސުގެ މުވައްޒަފުންނަށްވެސް ވަޒީފާގައި ކުރިއަށް ދިއުމުގެ ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ. މިގޮތުން ކުންފުނީގެ ތަރައްޤީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނިން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. ދިވެހި އަންހެން ކަނބަލުން ތަފާތު އެކި ދާއިރާތަކުގައި ފިރިހެނުންނާއި އެއްހަމައެއްގައި ފައިހަމަކުރަމުންދާތަން މިއަދުގެ މުޖުތަމަޢުއިން ދަނީ ފެންނަމުންނެވެ. ދިވެހި އަންހެނުންނާއި މެދު ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ބޯދާ ވިސްނުންތަކާއި، ނަޒަރިއްޔާ ބަދަލުކުރުމަށް އެކަނބަލުން ވަނީ ޤުރުބާނީތަކެއް ވެފައެވެ. އެކަނބަލުންގެ މި ޤުރުބާނީގެ ދަތުރުގައި އިސް ދައުރެއް އަދާކުރުމަށް އެމްޓީސީސީ އޮތީ އަތުކުރި އޮޅާލައިގެންނެވެ. އެކުންފުނިން އިޢުލާނުކުރާ އެއްވެސް ވަޒީފާއަކީ ވަކި ޖިންސަކަށް އަމާޒުކޮށްގެން އިޢުލާނުކުރާ ވަޒީފާތަކެއް ނޫނެވެ.

ކުންފުނީގެ އެގްޒެކެޓިވް އަދި އިދާރީ މަޤާމުތަކެކޭ އެއްފަދައިން ކުންފުނީގެ ފަންނީ މަޤާމުތަކުގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނީގެ އަމާޒެވެ. ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންނާއި ލޯންޗް އޮޕަރޭޓަރުންނާއި ފަޅުވެރިންގެ ވަޒީފާތަކުން ކުރިއަށްއޮތް ދުވަސްތަކުގައި އަންހެން ކަނބަލުން ފެނިގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. މިގޮތުން "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން، މިއަހަރުގެ ނޮވެމްބަރު މަހު ސްޕީޑް ފެރީގެ ޚިދުމަތް ފެށިގެން ދާއިރު، މުވައްޒަފުންގެ %50 ހޮވުމުގައި، އަންހެން ކަނބަލުންނަށް ފުރަތަމަ އިސްކަން ދިނުމަށް އެމްޓީސީސީއިން ވަނީ ނިންމާފައެވެ.

އެމްޓީސީސީގެ މުވައްޒިފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްޓީސީސީ

ވަޒީފާގެ މާޙައުލަކީ މުވައްޒަފުންނަށް އަމާން ރައްކާތެރި މާޙައުލަކަށް ވުމަކީ ކޮންމެ މުވައްޒަފަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޙައްޤެކެވެ. އަދި އެމްޓީސީސީ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގައި މުވައްޒަފުންގެ މި ޙައްޤު ކަށަވަރު ކުރުމަށް މެނޭޖްމަންޓުން ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓް ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ތިބެނީ ފުރިހަމަ އަށް ސޭފްޓީ ކިޓް އަޅައިގެންތޯ ސައިޓް ސުޕަވައިޒަރުން އަބަދުވެސް ކަށަވަރު ކުރެއެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާނޭ ފިޔަވަޅުތައް މިސައިޓްތަކުގައި އަބަދުވެސް ހުންނަނީ ފުރިހަމަ ކުރެވިފައެވެ. މިގޮތުން މަސައްކަތުގެ މާޙައުލުގައި ދިމާވި އެކްސިޑެންޓެއްގައި އެމްޓީސީސީގެ މުވައްޒަފަކު ހާލުބޮޑުވި ވާހަކައެއް ތިއިން ބޭފުޅަކުން މިއިން ދުވަހަކުވެސް އައްސަވާފައި ނުވާކަމީ މިކަމުގެ ހެއްކެކެވެ.

ޕްރޮޖެކްޓް ސައިޓްތަކެކޭ އެއްފަދައިން އެމްޓީސީސީގެ ކަނޑު އަދި އެއްގަމު ދަތުރުފަތުރު ކުރާ މުވައްޒަފުންނަކީވެސް އެ މުވައްޒަފުންގެ އަމިއްލަ ސަލާމަތަށާއި ކަސްޓަމަރުންގެ ސަމާލުކަމަށް އަބަދުވެސް ސަމާލުކަންދޭ ބައެކެވެ. އެމްޓީސީސީގެ ސޯޝަލް މީޑިއާ ސައިޓްތައް މެދުވެރިކޮށް ކޮވިޑްގެ ދުވަސްވަރުއާއި ކަނޑުގަދަ ވިއްސާރަ ދުވަސްވަރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން ޢާއްމުން އަބަދުވެސް ހޭލުންތެރިކުރަމުން ގެންދެވެއެވެ. އަދި ކުންފުނީގެ އެކި އެކި ޑިވިޜަން ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް "ފަޔަރ ސޭފްޓީ" އަދި "ފަރސްޓް އެއިޑް" ޓްރޭނިންގ ފަދަ ޓްރޭނިންގ ތަށް ފޯރުކޮށްދެމުން ގެންދެވެއެވެ.

ފެރީޓާމިނަލްއެއްގައި އެމްޓީސީސީގެ މުވައްޒިފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ކުންފުންޏެވެ. ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުވައްޒަފުންގެ ޙިދުމަތެވެ. މެދުކެނޑުމެއްނެތި އެންމެގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަ ޤައިމުވެސް އެމްޓީސީސީ ވާނެއެވެ. މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހު ދެއްވި ޙިތާބުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެފައިވާ ފަދައިން ޤައުމެއްގެ ތަރައްޤީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެންނެވެ. އެމްޓީސީސީގެ އަމާޒަކީ އެމަނިކުފާނު ދެއްކެވި މަގުން ހިނގުމެވެ. ޤައުމު ބިނާކުރުމުގައި ރައްޔިތުންގެ ދަރިންގެ ޙިއްސާ އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރަމުން ގެންދިއުމެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %