އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި ސިވިލް ސަރވިސްގެ ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ. 

އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލަކީ 2020 ސެޕްޓެންބަރު 06 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. 

މި އިޞްލާޙާއިއެކު، ކޮމިޝަނުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރެވިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ކޮމިޝަންގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިޞްލާޙުގައި ބާރުއަޅައެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާނުކުރުމަށާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް މި އިޞްލާޙުގައި ބާރުއަޅައެވެ. މިގޮތުން، ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ތަފުސީލުކޮށް މި އިޞްލާޙުގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް ސަރވިސްގެ ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 2020 ސެޕްޓެންބަރު 06 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި އިޞްލާޙާއިއެކު ސިވިލް ސަރވިސް ކޮމިޝަނާއި، އެ ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރެވިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ކޮމިޝަނުގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިޞްލާޙުގައި ބާރުއަޅާފައިވެއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބުތަކާއި، އިތުރު ވަޒީފާ އަދާކުރުން މަނާކުރުމާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކާއި ގުޅޭ އުޞޫލުތައް މި އިޞްލާޙުގައި ބަޔާންކުރައްވާފައިވެއެވެ. އަދި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް ވެސް މި އިޞްލާޙުގައި އިތުރުކޮށްފައިވެއެވެ.

މި ދެ ބިލް ރައީސް ތަސްދީގު ކުރެއްވުމާއެކު ގެޒެޓުގައި ޝާއިއުކޮށް މިއަދުން ފެށިގެން އަމަލުކުރުމަށް ވަނީ ފެށިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.