ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސްވެރިކަމާއި ދަނޑުވެރިކަމާއިބެހޭ ވަޒީރު ޒަހާ ވަހީދު މަޤާމުން ވަކިކުރައްވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން ވަނީ ޒަހާ މަޤާމުން ވަކިކުރެއްވިކަން "ޖަޒީރާ" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި މިނިސްޓަރުކަމުން ވަކިކުރެއްވުމަށްފަހު ޒަހާ، ރައީސް އޮފީހުގެ މަޤާމަކަށް ވަނީ އައްޔަންކުރައްވާފަ އެވެ. ނަމަވެސް އައްޔަންކުރެއްވި ސީދާ މަޤާމެއް ކަށަވަރެއް ނުވެ އެވެ.

އެނގިފައިވާގޮތުގައި ރައީސް އޮފީހުގައިވެސް ޒަހާ މަސައްކަތްކުރައްވާނީ މިނިސްޓަރުން ފެންވަރުގެ މަޤާމެއްގަ އެވެ.

ޒަހާ ރައީސް އޮފީހަށް ބަދަލުކުރައްވާފައިމިވަނީ، ސަރުކާރުގެ ތެރެއަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ރައީސް ސޯލިހް ކުރައްވަމުން އަންނަކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. އެމަނިކުފާނުވެސް ވަނީ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެއްވޭ ވަޒީރުން މަޤާމުތަކުން ދުރުކޮށް، ޕަރފޯމެންސް ނެރުމަށް ބަދަލުތައް ގެންނަވާނެކަން ހާމަކުރައްވާފަ އެވެ.

ޒަހާއަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްޢަޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މަސްވެރިކަމުގެ ވައުދުތައް ނުފުއްދޭކަމަށް ބުނެ ސަރުކާރު ކޯލިޝަންގެ އާއި، އިދިކޮޅުގެ ފާޑުކިޔުންވެސް ޒަހާއަށް މީގެކުރިން އަމާޒުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި އިދިކޮޅުން ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވެއްދި އެވެ. ނަމަވެސް ޒަހާ ސަލާމަތްވެވަޑައިގެންނެވީ އިތުބާރު ނެތްކަމަށް ސޮއިކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސޮއި ނެންގެވުމުންނެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.