ފަރުދީ ޒިންމާމަތިން ހަނދާންނެތި، ފިޔަވަޅުތައް އެޅުމަށް ނިންމިލެއް ލަސްކަމުގެ ޝަކުވާތައް!

ކޮވިޑް 19ގެ ކޭސްތައް ގިނަ ވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި -- ގްރެފިކްސް: މުހައްމަދު އިސާމް ސާމިރް | ޖަޒީރާ

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމީ ލޯކަލް ކައުންސިލް އިންތިހާބަށްޓަކައެވެ. މިކަމާ މެދު އެއް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރިއިރު، އަނެއް ބައި މީހުން ގޮވާލީ އިންތިހާބަށް ފަހު ކޮވިޑުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށެވެ. އެހެންނަމަވެސް އިންތިހާބު ނިމުނުތާ ހަފްތާތަކެއް ވެގެންދިޔައިރުވެސް ފިޔަވަޅެއް ހަރުކަށި ކުރި މަންޒަރެއް ނުފެނުނެވެ. އަތޮޅުތެރެއިން އަރަމުންދިޔަ ނަމްބަރުތަކާއި އެކު ކަންބޮޑުވުން އުފެދި، ހަރުކަށި ފިޔަވަޅުތަކަށް ގޮވާލީ ސޯޝަލް މީޑިއާގައެވެ.

"ފަރުދީ ޒިންމާ ބާއްވާފަ، ފުރަތަމަ ސަރުކާރުން ފިޔަވަޅުތައް ވަރުގަދަކޮށްބަލަ" މިހެން ބުނި މީހުން ވެސް މަދެއްނުވާނެއެވެ.

އަތޮޅުތެރޭގައި އިންތިހާއަށް ކޮވިޑު ފެތުރެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ދެން ފެނުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ފިޔަވަޅެއް ހަރުކަށި ކުރި މަންޒަރެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން 1 ހަފްތާއަށް ހުއްޓާލުމަށް އެންގިއެވެ. ނަމަވެސް އެ މިންވަރުން ކޭސްތައް މަދު ނުކުރެވޭނެކަމަށް ތަޖުރިބާކާރުންވެސް ހިމެނޭގޮތަށް ބުނަމުންގެންދިޔައީ، ކޭސްތައް އިތުރުވާ މިންވަރަށް ބަލަ އެވެ. އޭގެއިތުރަށް ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މާލޭގައި ދިރިއުޅޭއިރު، މާލެ ސަރަހައްދު ދޫކޮށްލައިފިނަމަ، ކޭސްތައް މަދުނުކުރެވޭނެކަމަށްވެސް ފާހަގަކުރަމުންގެންދިޔަ އެވެ.

އަރަން ފެށި ކޭސްތައް ތިރިނުވެ، ފެނުނީ ކޮންމެ ދުވަހަކު ރިކޯޑް އަދަދުތަކެކެވެ. މިފަހަކަށް އައިސް މުޅި ރާއްޖެއިން ރިޕޯޓު ކުރަމުން އަންނަ ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރެވޭ އަދަދު 400 އާއި 500 އާއި ދެމެދު ހުރިއިރު، މިއީ މީގެ ކުރިން ދުވަހަކުވެސް ރިޕޯޓުކުރި އަދަދުތަކެއް ނޫނެވެ.

އެ ދުވަހެއްގެ މައްޗަށް މާލެއިން އެކަނި 400 އާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވިއިރު، އެކްޓިވް ކޭސްތައް ނުވަތަ ބައްޔަށް ފަރުވާ ހޯދާ އަދަދު 6،000 އިން މައްޗަށް ވަނީ އަރާފަ އެވެ. އެނދުމަތި ކުރެވޭ މީހުންގެ އަދަދު އިތުރުވެ، ސިއްހީ ނިޒާމަށް ނުކަތާ މިންވަރަށް ބަލި މީހުން ވެސް ގިނަވީ ބަލަބަލަ ތިއްބަ އެވެ.

ކަންކަން ގޯސްވުމުން، ހައްލުކުރަން ނިކުންނެވީ ރައީސް!

ބަލީގެ ސީރިއަސްކަމާއި، ނުރައްކާތެރިކަން މަތިން މުޅި މުޖުތަަމައު ތިބީ ހަނދާން ނެތިފަ އެވެ. އަވަށްޓެރި ޤައުމުތަކަށްވެދާ ގޮތްތައް ފެނި، އެކަންވެސް ހަނދާނުގައެއް ނެތެވެ. ކަންކަން އެ ހާލަތުގައިވަނިކޮށް، ހައްލުކުރުމަށް ނިކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. މާބޮޑުކަމަކަށް ނުހަދައި، އާދައިގެ ގޮތަށް އުޅޭމުންދިޔަ މުވައްޒިފުންތަކާއި، މަޤާމުތަކުގައި ތބި ފަރާތްތައް އެއްކުރައްވާ ބައްދަލުވުމެއް ބާއްވަވައި، ފިޔަވަޅުތައް ހަރުކަށިކުރާނެކަން ރައީސް ސޯލިހް ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރައްކާތެރިވުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މަޝްވަރާކުރައްވަމުންދާ ކަމަށެވެ.

ފިޔަވަޅުތަކާއެކު، ރައީސް ނިކުންނެވި ނިކުންނެވުން ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ. އެއް ސަބަބެއްގެގޮތުން ފިޔަވަޅުތަކަށް މާ ލަސްވެއްޖެކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރި އެވެ. އަނެއް ބަޔަކު ކޭސްތައް ގުޅުވީ އިންތިހާބާ އެވެ. އެކަމުގެ ޒިންމާވެސް ރައީސްގެ ބޮލުގައި އަޅުވާ، އިންތިހާބެއް ބޭއްވުން ފެންނާނެ މަންޒަރުކަމަށް ބުނެ ނުރުހުން ފާޅުކޮށްފައިވެއެވެ.

 

ތެދެކެވެ. ފިޔަވަޅުތަކަށް މާ ބޮޑަށްވެސް ލަސްވެއްޖެ އެވެ. ވަގުތުވެސް ފާއިތުވެއްޖެ އެވެ. ނަމަވެސް އެކަމުގައި ހަމައެކަނި ސަރުކާރު ބަދުނާމުކުރުމަށްވުރެ ފަރުދީ ޒިންމާ އަދާކުރެވުނު މިންވަރާމެދު ސުވާލުކޮށްލުން މުހިންމެވެ.

ރާޅުގަނޑު ސަރަހައްދުގައި ކުޑަކުދިންތަކެއް ހަވީރު މަޑިއެރުވުމުގައި -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ފިޔަވަޅުތައް ވަރުގަދަކުރިނަމަވެސް، ނަތީޖާ ނެރެވިދާނެކަމުގެ ސުވާލު!

ކުއްލިއަކަށް ފެނުނީ އަނެއްކާވެސް މަބްރޫކް ދަރުބާރުގޭގޭ ނޫސްވެރިންގެ ބައްދަލުވުމުގައި އިން މަންޒަރެވެ. ނޫސްވެރިންގެ ބައްދަލުވުުން އާންމު ތަރުތީބުން ފަށުމަށްފަހު، މަބްރޫކް ފިޔަވަޅުތައް އިއުލާންކުރަން ފެށި އެވެ. އަޅަން ނިންމި ފިޔަވަޅުތައް މާ ހަރުކަށި ނުވިނަމަވެސް، އަޅާން ނިންމީ ގިނަ ބަޔަކަށް ގަބޫލުކުރެވޭ މިންވަރުގެ ފިޔަވަޅުތަކެކެވެ.

  1. ސްކޫލްތަކުގައި ހަމައެކަނި އޮންލައުންކޮށް ކިޔަވައިދިނުން
  2. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ޚިދުމަތްތައް އޮންލައުންކޮށް ދިނުން
  3. ޕާކުތަކާއި ކުޅިވަރު ކުޅޭތަންތަން ބަންދުކުރުން
  4. ކުޅިވަރު ކުޅުމާއި ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ ބާއްވާ މުބާރާތްތައް ހުއްޓާލުން
  5. މިސްކިތްތަކުގައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން
  6. ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަކަށް ވެހިކަލް ދުއްވުން މަނާކުރުން
  7. ވެކްސިން ޖެހުމުން ދަތުރުފަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން

މިއާއި އެކު ރައްޔިތުންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނުނަމަވެސް، މި ކަންކަމުގެ ނަތީޖާއެއް އެނގޭނީ އަދި ދެ ހަފްތާ ފަހުންނެވެ. ކޭސްތައް ދަށްކުރަން ބޭނުންވާނަމަ، މިހާރު ވަރުގަދަ ކުރި ފިޔަވަޅުތަކުގެ އިތުރަށް ވެސް ކަންކަން ކުރަން އެބަޖެހެއެވެ. އަބަދުވެސް މާސްކު އަޅަން ހަނދާންކޮށް، އެހެން މީހުންނާއި ބައްދަލުކުރާ ވަރު ވެސް މަދުކުރަންވީއެވެ. ގިނަ ގިނައިން އަތް ދޮވެ، ޑިސްއިންފެކްޓްވެސް ކުރަންވީއެވެ.

މީގެކުރިން އައި ކޮވިޑުގެ ރާޅުތަކުން އަހަރުމެން އަރައިގަތީ އެންމެން އެކުގައި ވަކިި ވަކިން ތިބެގެން ވެސް އެކުގައެވެ. މި ރާޅުން ވެސް އަރައިގަންނާނީ މިހެންނެވެ.

0
0
0
2
0

ކޮމެންޓް

Your email address will not be published.

0 %