ޔުވެންޓަސްގެ ކޯޗުގެ މަގާމާއި އަންދްރެއާ ޕިރްލޯ ހަވާލުވުމަށްފަހު އިޓާލިއަން ސެރީއޭގައި އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. 

އަމިއްލަ ދަނޑުގައި ސަމްޕްދޯރިއާގެ މައްޗަށް އެޓީމު ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސްގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ސްވިޑެންގެ ވިންގަރ ޑެޖާން ކުލުސެވްސްކީ ޖަހައިދިންއިރު އެޓީމުގެ ދެވަނަ ލަނޑު 78 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީއެވެ. ޔުވެންޓަސްގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. 

މިދިޔަ މާޗް މަހުގެ ފަހުން ފުރަތަމަ ފަހަރަށް ސްޓޭޑިއަމްއަށް މީހުން ވެއްދުމުގެ ހުއްދަ އިޓަލީ ސަރުކާރުން ދީފައިވާއިރު މި މެޗު ބެލުމަށް މަދު އަދަދެއްގެ ބަޔަކު ޔުވެންޓަސްއިން ވަނީ ދަނޑަށް ވައްދާފައެވެ. އިޓަލީ ސަރުކާރުން ވަނީ 1000 މީހުންނަށް ކުޅިވަރު ކުޅޭ ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދީފައެވެ. 

މިއީ އޮގަސްޓް މަހުގެ ތެރޭގައި މައުރީޒިއޯ ސައްރީގެ ބަދަލުގައި ކޯޗުކަމާ ޕިރްލޯ ހަވާލުވުމަށްފަހު އޭނާގެ އިރުޝާދުގެ ދަށުން ލީގުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗެވެ. 

ސެރީއޭގައި ނަޕޯލީއިން 2-0 އިން ޕާމާ ބަލިކުރިއިރު ޖެނޯއާއިން ވަނީ 4-1 އިން ކްރޮޓޯން ބަލިކޮށްފައެވެ. ސަސޫލޯ އަދި ކަގްލިއާރީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.