ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިންތިހާއަށް މަތިވަމުން ދިއުމީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާ އެމަނިކުފާނު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާ ކުރައްވަމުން ދާ ކަމަށެވެ.

 

ރައީސް ސޯލިހް މިހެން ވިދާޅުވެފައި ވާއިރު، ރާއްޖޭގައި ކޮވިޑް ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރަމުން ދަނީ ރިކޯޑް އަދަދުތަކުންނެވެ. އަދި މާލެ ސަރަހައްދުގެ ހާލަތު، ދުވަހަކު ގޯސް ނުވާ ވަރަށް ގޯސްވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، އިއްޔެ މުޅި ރާއްޖެއިން 508 ޕޮޒިޓިވް ކޭސް ރިޕޯޓް ކުރި އިރު، މާލެ ސަރަހައްދުން 276 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭއިން ހިއްސާ ކޮށްފައި ވާ ތަފާސްހިސާބުތަކަށް ބަލާލާއިރު، މިވަގުތު 172 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަދެއެވެ. އެއާއެކު މާލެ ސަރަހައްދުގެ ބެޑް ކެޕޭސިޓީގެ 60 ޕަސަންޓް އެނދު މިހާރު ވަނީ ފުރިފައެވެ. ދުވާލަކަށް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވަމުން ދާއިރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް 10-12 މީހުން ފެސިލިޓީތަކުގައި އެޑްމިޓް ކުރަމުން ދެއެވެ. އެހެންކަމުން، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އަދިވެސް އިތުރު ވާނެ ކަމަށް ލަފާ ކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.