23 ޖޫން 2020 - ކޯވިޑް-19 އާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށް ދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި ހިތާބުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަން މާހައުލެއް ފަހިކޮށް ދިނުމުން ސަރުކާރަށް ލިބުނު ފައިދާ ނުހަނު ބޮޑު ކަމަށެވެ. އެގޮތުން، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ޚަބަރުތަކާއި ރިޕޯޓުތަކުގެ ޒަރީއާއިން، އާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިސްލާހު ކުރުމުގެ ފުރުސަތު ތަނަވަސް ވެފައި ވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، މިއަދު ކޮންމެ ނޫސްވެރިއަކު ވެސް ހަނދާން ކުރަންވީ، ކޮންމެ މިނިވަންކަމަކާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަމަށެވެ. އެގޮތުން، ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް ހުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭގޮތުން، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންގެ އެންމެ މަތީ ޒިންމާއެއް ކަމުގައި ހަދަންވީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ގައުމު ބިނާކޮށް އާރާސްތު ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރުން

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ މި މުނާސަބަތާ ގުޅިގެން، ރައީސް ސޯލިހް ވަނީ ޚަބަރާއި މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ވެސް ޒިންމާދާރު ވުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ. ހަމައެފަދައިން، މައުލޫމާތު ފެތުރުމުގައި ޔޯލަ ވާހަކަތަކަށް ބަރޯސާނުވެ، ތަހުލީލީ ނޫސްވެރިކަމުގެ ޒަރީއާއިން، ކޮންމެ ކަމެއްގެވެސް ހަގީގަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެމަނިކުފާު އިލްތިމާސް ކުރައްވާފައި ވެއެވެ.

ހަމައެއާއެކު ނޫސްވެރިކަމަކީ ވެސް ގައުމީ ހިދުމަތެއް ކަމުގައި ދެކިގެން، ގައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިން ވެސް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.