ބާސާ އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ބާސާ / ޓުވިޓަރ

ސްޕެނިޝް ލަލީގާގައި ލިއޮނެލް މެސީގެ ދެ ލަނޑުން ވެލެންސިއާގެ މައްޗަށް 2-3 ގެ ނަތީޖާއިން ބާސެލޯނާ ކުރިހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ވެލެންސިއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ވަނީ އިދިކޮޅު ޓީމުގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައިވަނީ ބާސެލޯނާގެ ލިއޮނެލް މެސީގެ އިތުރުން އަރައުޖޯ އަށެވެ. އަދި މި ހަފްގައި ވެލެންސިއާގެ ގަޔާއަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ފަސް ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޕައުލިސްޓާއެވެ.

ނަމަވެސް ބާސާއިން ވަނީ އޭގެ ހަތް މިނެޓު ފަހުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީ ވެލެންސިއާގެ ކީޕަރު ސިލެސެން ދިފާއުކުރުމުން، ރީބައުންޑުގައި މެސީ ދެވަނަ ފަހަރަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ބާސާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 64 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ގްރިޒްމަންއެވެ. އަދި 69 ވަނަ މިނެޓުގައި މެސީ ވަނީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ.

ވެލެންސިއާއިން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޮސް ސޮލާއެވެ. އަދި މެޗު ނިމުމުގެ ކުރިން އެޓީމަށް ވަނީ ނަތީޖާ ހަމަހަމަ ކުރަންވެސް ފުރުސަތު ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 34 މެޗާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ހެޑް-ޓު-ހެޑް އިން ލިބިފައިވާ ނަތީޖާއާއެކު ތިންވަނައިގައެވެ. އެއްވަނައިގައި 76 ޕޮއިންޓާއެކު އެތުލެޓިކޯ އޮތްއިރު، ވެލެންސިއާ އޮތީ 36 ޕޮއިންޓާއއެކު 14 ވަނައިގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.