މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް އަދި ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު -- ފޮޓޯ: ޖަަޒީރާ

މަންދު ކޮލެޖާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދުވެފައިވާ އެއްބަސްވުން ބާތިލުކުރުމުން، އެ ކޮލެޖުން ބަދަލުހޯދުމަށް ކުރި ދައުވާއާ ގުޅިގެން، އޮޑިޓާ ޖެނެރަލް ދެއްވި ލަފައަކީ ގާނޫނީ މަފްހޫމުތަކާ ތައާރުޟުވާގޮތަށް ދީފައިވާ ލަފައެއްކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނެފި އެވެ.

މަންދު ކޮލެޖް ހިންގި، މާލެ ހައި ޕްރައިވެޓް ލިމިޓެޑުން އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން އަތުލީ ހެދުނު އެއްބަސްވުމާއި އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް އެތަނުގައި ހިންގާފައިނުވާ ކަމަށް ބުނެ، 2015 ވަނަ އަހަރުއެވެ.

މި މައްސަލައިގައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. މި ދެ ކޯޓުގެ ނިންމުމާއި އެކު، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާކުރިއެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން އެއްބަސްވީ 15 މިލިއަން ރުފިޔާ ދިނުމަށެވެ. އެއީ އެއްބަސްވުން ބާތިލުކުރުމުން، ކޮލެޖު އަލުން ފަށަން ބޭނުންވާ އާލާތްތައް ހޯދުމުގެ ބަދަލުގެ ގޮތުގައި 4.3 މިލިއަން ރުފިޔާއާއި އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުން ކުލީގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު 10.6 މިލިއަން ރުފިޔާއެވެ.

މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ މިންވަރު އަންދާޒާކޮށް ވަޒަންކޮށް ދިނުމަށް އެދި އެޑިއުކޭޝަނުން އޮޑިޓާ ޖެނެރަލްއަށް ފޮނުވި ސިޓީއަކާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އެސެސްމަންޓް ރިޕޯޓެއް ތައްޔާރު ކޮށްފައެވެ. އެ ރިޕޯޓުގައި ވާ ގޮތުން، އެއްބަސްވުން ބާތިލު ކުރި ނަމަވެސް މާލެ ހައި ކުންފުނިން އިންޓަނޭޝަނަލް ސްކޫލެއް ހިންގާގައި ނުވާތީ، އެހެން އިމާރާތަކަށް ކުއްޔަކީ ގެއްލުމުގެ ބަދަލުގައި ދޭން ޖެހޭ ކަމެއް ނޫން ކަމަށެވެ.

މަންދު ކޮލެޖަށް ދިނުމަށް ނިންމި ބަދަލުގެ ކަންކަން ދިފާއުކުރައްވާ ބަންޑާރަ ނައިބް އޮފީހުން ނެރުނު ބަޔާނެއްގައި ކޯޓުން އެންގި ގޮތަށް މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައްކަން އެއްބަސްވީ، އެޮޑިޓަރ ޖެނެރަލް ދެއްވި ލަފާ ގާނޫނީ މަފްހޫމުތަކާ ތައާރުޟުވާތީކަމަށެވެ.

ބަންޑާރަ ނައިބް ވަނީ އޮޑިޓަރ ޖެނެރަލްގެ ނިންމުމުގައި މާލެ ހައި ކުންފުނިން އިންޓަނޭޝަނަލް ސްކޫލެއް ހިންގާގައި ނުވާކަމަށް ބުނިނަމަވެސް އެކަން ނުކުރެވުނީ ހުއްދަ ނުލިބުމުންކަމަށެވެ. އެގޮތުން މާލެ ހައި ކުންފުނިން އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ހުއްދައަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި އެދުމުން އެ ހުއްދަ ދީފައިނުވާ ކަމަށް އޭބަންޑާރަ ނައިބްގެ އޮފީހުން ބުންޏެވެ.

އޮޑިޓަރ ޖެނެރަލްގެ ލަފަޔަކީ، ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން، ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލުތަކާއި، އެއްބަސްވުންތައް އެ މައްޗަށް ބިނާވާ "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް" ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރުޟުވާ ގޮތަށް ދީފައިވާ ލަފަޔެކެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނިގޮތުގައި މާލޭ ހައި ކުންފުނިން ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ، އެ ކުންފުންޏާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން އުފަންވި ގެއްލުމެއްކަމަށެވެ. އަދި އެ ގެއްލުމަކީ ވެދާނެ ގެއްލުމެއްކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާނެ ގެއްލުމެއްކަން އާދައިގެ ސަބަބުވެރި ކޮންމެ މީހަކަށްވެސް ގަބޫލު ކުރެވޭ ގެއްލުމެއް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބް މައްސަލާގައި ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނީ، ސިވިލް ކޯޓުން މަންދު ކޮލެޖަށް ނަގައިދިން ބަދަލަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުމުން، ވެފައިވާ ގެއްލުމެއްކަމާއި އެއީ، އެއްބަސްވުމާ ހިލާފުވެފައިވާ ހިލާފުވުމާ ސީދާ ގުޅުންހުރި ގެއްލުމެއް ކަމަށެވެ. އަދި މާލޭ ހައި ކުންފުންޏަށް ލިބުނު ގެއްލުމާގުޅޭ ކިތާބީ ހެކި ނަފީ ކުރުމަށް ބަލާއިރު، އެހެކި ދައުލަތަށް ތައުނު ކުރެވެން ނެތް ކަމަށެވެ.

ހަމައެއާއެކު، މި މައްސަލަ ޝަރީއަތުން ކުރިއަށްގެންދާ ހާލަތެއްގައި، ލިޔެކިޔުންތަކުން ސާބިތުވާން އޮތް ހަރަދު ދެއްކުމަށް ދައުލަތުގެ މައްޗަށް ޝަރީއަތުން އަމުރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެފައި، ޝަރީއަތުން މައްސަލަ ނިންމުމަށް އިތުރު މުއްދަތު ހޭދަ ކުރަން ޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު އިތުރުވެގެން ދިއުމުގެ އިހްތިމާލް އޮތް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. އެހެންކަމުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދައުލަތުން ދައްކައި ހަލާސް ކުރާ ގޮތުގެމަތިން މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި ސުލްހަވެރިކަމާއެކު ހައްލު ކުރުމަށް ދެފަރާތުން އެއްބަސްވެފައި ވާ ކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.